ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް މާފުށީގައި ހުޅުވައިފި


ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ގެސްޓް ހައުސް މާފުށީގައި ހުޅުވައިފިއެވެ.

ކާނި ގްރޫޕްގެ ފަރާތުން މާފުށީގައި ހުޅުވި، ކާނި ޕާމްބީޗްގައި 253 އެނދު ހުރެއެވެ.

ކ.މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނި ޕާމްބީޗް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މަޢުސޫމެވެ.

ކާނި ޕާމްބީޗްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ޕާމްބީޗްގެ މެނޭޖަރ ތޯހާ ހުސެއިން ވަނީ މި ގެސްޓްހައުސްއަކީ ރާއްޖޭގެ ރަށެއްގައި ހުޅުވި އެންމެ ބޮޑު ގެސްޓް ހައުސްކަމަށްވާއިރު، މި ގެސްޓް ހައުސްގައި 253 އެންދު ހުންނާނެކަމަށެވެ. އަދި މި ގެސްޓް ހައުސްގައި އިންފިޓީ ކެފޭއާއި އިންފިނިޓީ ޕޫލް އަދި ރެސްޓޯރެންޓެއް ހުންނާނެކަމަށް ތޯހާ ވިދާޅުވިއެވެ.

"މި ތަނަކީ އަސްލު ކޯވިޑްގެ ކުރިން އެއްކޮށް ނިންމާފައި އިން ތަނެއް. އެކަމު އޭރު ނުހުޅުވުނީ. އަޅުގަނޑުމެން ހުރިހާ ގައިޑްލައިންތަކަށް ބޯލަނބައިގެން މަސައްކަތް މިކުރަނީ." ތޯހާ ވިދާޅުވިއެވެ.

މި ގެސްޓްހައުސް ހުޅުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވަނީ ގެސްޓް ހައުސްތަކަކީ ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ގާތުން ލިބިދޭ މަގު ކަމުގައިވާއިރު، މި ސިނާއަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މަޢުސޫމް ވަނީ ކޯވިޑްގެ މި ޙާލަތުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް އައު ގެސްޓްހައުސްއެއް ހުޅުވުމަކީ މި ދާއިރާގެ އުޖާލާކަން ހާމަވާކަމެއްކަމަށް ވިދާޅުވެފައެވެ.

"މީ ވަރަށް އުފާވެރި ދުވަހެއް. ގިނަ ދުވަސްތަކަކަށްފަހު ގެސްޓްހައުސްތައް ހުޅުވާލާ ދުވަސް. ކޯވިޑްގެ މި ޙާލަތުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް އައު ގެސްޓްހައުސްއެއް ހުޅުވުމަކީ މި ދާއިރާގެ އުޖާލާކަން ހާމަވާކަމެއް" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކާނި ގްރޫޕްގެ އައު ގެސްޓްހައުސް، ކާނި ޕާމްބީޗް ހުޅުވާފައިވާއިރު، އެ ގްރޫޕުން މިހާރުވެސް ދަނީ އިތުރު 4 ގެސްޓް ހައުސްއެއް ހިންގަމުންނެވެ. އެއީ ކާނި ބީޗް، ކާނި ވިލެޖް، ކާނި ލޮޑްޖް އަދި ކާނި ގްރޭންޑެވެ. ކ. މާފުއްޓަކީ 2008 ވަނަ އަހަރު 10 އެންދުގެ އެއް ގެސްޓް ހައުސްއާއެކު ރާއްޖެއަށް ލޯކަލް ޓުއަރިޒަމް ތަޢާރަފްކުރި ރަށް ވެސްމެއެވެ. މިހާރު މި ރަށުގެ ބެޑް ކެޕޭސިޓީ އުޅެނީ 1300 އިން މަތީގައެވެ.