ވިޔަފާރި

މި ޙާލަތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ- ޓުއަރިޒަމް މިނިސްޓަރ


ބަލިމަޑުކަމުގެ މިޙާލަތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރައްޔިތުންނާއި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ، ކޯވިޑްއަށްފަހު މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުން ފާހަގަކުރުމަށް ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ގެސްޓް ހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާފައި މިވަނީ ކޯވިޑް-19ގެ ސަބަބުން ހުރިހާ ގެސްޓް ހައުސްތަކެއް ބަންދުކޮށްފައި އޮންނަތާ 212 ދުވަސް ފަހުންނެވެ. ގެސްޓް ހައުސްތައް ފަތުރުވެރިންނަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މަޢުސޫމާއި، މިނިސްޓްރީގެ އިސްވެރިން އަދި ކ. މާފުށީ ކައުންސިލާއި ރައްޔިތުން ބައިވެރިވިއެވެ. އަދި އެރަށު ގެސްޓްހައުސްތަކަށް އެންމެ ފުރަތަމަ އައި ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވަނީ ކޯވިޑްގެ މިޙާލަތުގައިވެސް ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ގޮތަކަށް ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ އިސް އަމާޒުކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ރައްޔިތުންނާއި މުވައްޒަފުންގެ އަދި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ވަރުގެ ހެލްތް އެންޑް ސޭފްޓީ ގައިޑްލައިނެއް އެކުލަވާލާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޙާލަތުގައި އެންމެ މުހިންމީ މި ގައިޑްލައިންތަކަށް ބޯލަނބާ، ފަތުރުވެރިކަން ކުރިއެރުވުމަށް ރައްޔިތުންނާއި ވިޔަފާރިވެރިންގެ އެއްބާރުލުންކަމަށެވެ.

"ރައްޔިތުންނާއި، ތަންތަނުގެ މުއައްޒަފުން އަދި ފަތުުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ އިސް އަމާޒު މި ދަނޑިވަޅުގައި. މިކަމަށް މަގުފަހިކޮށްދިނުމަށް އެޗްޕީއޭ އަދި އެޗްއީއޯސީއިން ގައިޑްލައިން އެކުލަވާލާފައިވާއިރު، މި ގައިޑްލައިނުން ފޯރުކޮށްދޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހުރިހާ ފަރާތްތަކެއްގެ ގުޅިފައިވާ އެއްބާރުލުން ބޭނުންވޭ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމްގެ ވާހަކަފުޅުގައި ކ. މާފުއްޓަކީ 2008 ވަނަ އަހަރު 10 އެނދުގެ އެންމެ ގެސްޓްހައުސްއަކާއެކު ރާއްޖެއަށް ލޯކަލް ޓުއަރިޒަމް ތަޢާރަފްކޮށްދިން ރަށްކަމަށާއި، ނަމަވެސް މިއަދު މާފުށްޓަކީ ނަން މަޝްހޫރު ރިސޯޓްތަކަށްވުރެ އެނދުގެ އަދަދު ގިނަ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އަމާޒު ހިފަންވީ މިދާއިރާގެ އިސް މަޤާމުތަކަށް ދިވެހިން ގެނެސް، ދިވެހި ޒުވާން ޖީލު ބާރުވެރިކުރުވުމަކަށް މިނިސްޓަރ ވިދާޅުވިއެވެ.

މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ގެސްޓްހައުސްތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށާއި ގެސްޓްހައުސްތަކަށް މާސްކު ބެހުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. އެގޮތުން ރަށު ރައްޔިތުންނަށް ދޭ މާސްކާއި ގެސްޓްހައުސްތަކަށް ދޭ މާސްކް ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވަނީ ކ. މާފުށީ ކައުންސިލާއި ހަވާލުކުރައްވާފައެވެ. މި މާސްކްތަކުގެ ތެރެއިން ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ ރީޔޫސަބަލް މާސްކަކީ ސިންގަޕޫރުގެ ތެމަސޯލް ކުންފުނިން ހަދިޔާކޮށްފައިވާ މާސްކްތަކެކެވެ. އަދި ގެސްޓް ހައުސްތަކަށް ހަވާލުކޮށްފައިވަނީ ޔޫއެންޑީޕީއިން ހަދިޔާކޮށްފައިވާ މާސްކްތަކެކެވެ.