ތަމްރީން ޕްރޮގްރާމަށް ލ.ގަމަށް ދަތުރުކޮށް ކަރަންޓީންގައިތިބި ސިފައިންގެ ތެރެއިން މިހާތަނަށް 62 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ކަރަންޓީންގައި ތިބި ސިފައިންގެ ތެރެއިން އިއްޔެ އެކަކު ޕޮޒިޓިވްވެފައިވާކަމަށާއި މިއަދު 3 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިވަގުތު ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި 31 ސިފައިން ތިބިކަމަށް ނަޒްލާ ވިދާޅުވިއެވެ،
ސިފައިންގެ ތަމްރީން ޕްރޮގްރާމަކަށް ސިފައިންގެ 93 މީހަކު ވަނީ އެރަށަށް ދަތުރުކޮށްފައެވެ. މިތަމްރީން ޕްރޮގްރާމަށް ސިފައިން ގަމަށް ދަތުރުކޮށްފައިވަނީ މިދިޔަމަހުގެ 19ވަނަ ދުވަހުއެވެ. އަދި ގިނަ ބަޔަކު ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުތަކުންނެވެ. މިމީހުން ތިބެނީ ލ.ގަމުގައި މީހުން ދިރިނޫޅޭ ސަރަހައްދުގައި ހަދާފައިވާ އެމްއެންޑީއެފް ކޭމްޕް ސައިޓެއްގައެވެ.
އެމްއެންޑީއެފް ކޭމްޕުން ޕޮޒިޓިވްވި މީހުން ބައިތިއްބާފައިވަނީ ކޭމްޕްގެ ވަކި ސަރަޙައްދެއްގައެވެ. ބާކީތިބި ސިފައިންގެތެރެއިން ޢަލާމާތްތައް ހުރި މީހުންނާއި، ޢަލާމާތްތައް ނެތް މީހުންވެސް ތިބީ ކޭމްޕްސައިޓްގައި ވަކިންނެވެ.
ގަމު ހޮސްޕިޓަލުން ވިދާޅުވި މިކޭމްޕްގައި ތިބި މީހުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އެހޮސްޕިޓަލުން ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން ސިއްޙީ އެހީތެރިކަން ބޭނުންވާ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ ކަންކަން ހަމަޖައްސަމުންދާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.