ޚަބަރު

ކޯވިޑް-19 : މާސް އިންސްޕެކްޝަންގެ 4ވަނަ ބުރުގައި 3000 ތަނެއް ބަލައިފި


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 4ވަނަ ބުރުގައި މިހާތަނަށް މާލެއިން 3000 ތަނެއް ބަލައި އިންސްޕެކްޓްކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މި އިންސްޕެކްޝަނަކީ ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތައް ތަންފީޒުކުރާ މިންވަރު ބެލުމަށް ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނާބެހޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މާސް އިންސްޕެކްޝަންގެ 4ވަނަ ބުރުގައި މިހާތަނަށް 3277 ތަނެއް ބަލާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 112 ތަނެއް ބަންދުކޮށްފައިވެއެވެ. ބަންދުކުރި ތަންތަނުގެ ތެރެއިން އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް އިންތިޒާމުކުރި 103 ތަނަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވެއެވެ.

"ބެލި ތަންތަނުގައި ހިމެނެނީ 2534 ފިހާރައަކާއި 586 ކެފޭއަކާއި 122 ސެލޫނާއި 17 ޖިމް އަދި 18 މާރުކޭޓް. އިންސްޕެކްޓްކުރުމަށްފަހު ފާހަގަވި ކަންކަން ރަނގަޅުކުރުމުން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އަތޮޅުތަކުގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކުގައި ކާބޯތަކެތީގެ ޚިދުމަތްދޭ 335 ތަނެއް ބަލާފައިވަކަމަށެވެ. މީގެ ތެރޭގައި 1148 ފިހާރައާއި 51 ސެލޫނާއި 5 ޖިމާއި 22 މާރުކޭޓް ބަލާފައިވާކަމަށެވެ. އަދި މި އިސްޕެކްޝަން މިހަފްތާ ނިމެންދެން ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މިއިންސްޕެކްޝަންތައް ހިންގަން ފަށާފައިވަނީ ޖުލައިމަހު ފުރަބަންދަށް ދިން ލުއިތަކާއެކުއެވެ. މިހާތަނަށް 3 އިންސްޕެކްޝަންވަނީ ކުރިއަށްގެންގޮސްފައެވެ.