ކުޅިވަރު

އީގަލްސް ދެމިއޮވެ، ވެލެންސިޔާ ކަޓައިފި


ވެލެންސިޔާ ކަޓުވާލުމަށްފަހު، ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި ދެމިއޮތުމުގެ ޔަޤީންކަން އީގަލްސް ހޯދައިފިއެވެ. އައްޑޫ ސިޓީގެ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ ހަތަރެއް ދޭކުންނެވެ.ދެ ފަހަރެއްގެ މަތީން ވެލެންސިޔާއިން ނަތީޖާ ހަމަހަމަކުރި މެޗުގެ ފުރަތަމަ ހާފްގައި އީގަލްސްގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން އިސްމާއީލް އީސާއެވެ. އޭގެކުރިން އަހުމަދު ރަޝީދަށް ލިބުނު ތިން ފުރުޞަތު ބޭނުން ނުކުރެވިދިޔައެވެ. ފުރަތަމަ ބޯޅަ ފޮނުވާލެވުނީ މާމަޑުންނެވެ. ދެވަނަ ބޯޅަ އަރިމަތިން ބޭރަށް ދިޔައީ ކޯނަރަކަށެވެ. ތިންވަނަ ފުރުޞަތުގައި ފޮނުވާލި ބޯޅަ ވެލެންސިޔާގެ ކީޕަރު ދިފާއުކުރީއެވެ.ވެލެންސިޔާއަށް ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސެއިން ނިހާންއެވެ. އޭނާ ލަނޑު ޖެހީ ދެހަނަ ހާފްގައި ގެނައި ބަދަލުތަކަށްފަހުއެވެ. އީގަލްސްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ބިދޭސީ ފޯވާޑް ގެރާޑޯއެވެ. ލަނޑަށްފަހު ކޮއްޓައިގެން ދިޔަގޮތަށް ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ އަވީލޯ ނަތީޖާ ހަމަހަމަކޮށްދިނެވެ.އީގަލްސްއިން ތިންވަނަ ފަހަރަށް ކުރި ހޯދީ މިޑްފީލްޑަރ އިމްރާން ނަޝީދު ޖެހި ލަނޑުންނެވެ. ހަތަރުވަނަ ލަނޑު ޖެހީ ބަދަލުކުޅުންތެރިޔާ އަހުމަދު ރިޒްވާން އެކަނި ކުރިއަށް އަރައެވެ.މެޗަށްފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ބުނީ ތިން ގޮތަކުން މިއަދު ހިތްހަމަޖެހުން ލިބިއްޖެކަމަށެވެ." މުބާރާތުގައި ދެމިއޮތުމުގެ ޔަޤީންކަން ކުޅުންތެރިން ހޯދައިދީފި. ބޭނުންވިގޮތަށް ރަނގަޅަށް ކުޅެފި. ލަނޑުތައް ޖަހައިފި. އެހެންވީމާ ވަރަށްބޮޑަށް ހިތްހަމަ ޖެހިފައި މިހުރީ. " އިހުސާން ބުންޏެވެ.ވެލެންސިޔާގެ ކޯޗު މުޙައްމަދު އިޤްބާލް ބުނީ ކުޅެ، ލަނޑު ޖަހައި، މެޗުން ބަލިވީ ޑިފެންސްލައިނަށް ހެދުނު ގޯސްތަކުންކަމަށެވެ." ކުޅެފައި، ލަނޑު ޖަހާފައި މުބާރާތުން ކެޓީމަ ހިތްހަމައެއް ނުޖެހޭ. އެކަމަކު އީގަލްސްއާއި ބަލާއިރު ވެލެންސިޔާއިންވެސް ކުޅެފި. ކުރިއަށް އޮތް މެޗުންވެސް މޮޅުވާން މަސައްކަތްކުރާނަން. " އިޤްބާލް ބުންޏެވެ.މިމޮޅާއެކު އީގަލްސްއަށް ވަނީ ދެ މެޗުން 4 ޕޮއިންޓް ލިބިފައެވެ. ވެލެންސިޔާއަށް ދެމެޗުން ޕޮއިންޓެއް ނުލިބެއެވެ.  އައްޑޫ ސިޓީގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ފުރަތަމަ މެޗުން މޮޅުވި މާޒިޔާއާއި، ފުރަތަމަ މެޗުން އެއްވަރުވި ވިކްޓްރީއެވެ. މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.