ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މައްސަލަތަކަކީ އިޤްތިޞާދީ މައްސަލައެއް : ރައީސް ނަޝީދު


މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މިހާރު އިޤްތިޞަދީ މައްސަލައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް، ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސް މަދުކުރުމަށް، ޤައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް މައްޗަށް ޖެއްސުމަށް ރާއްޖެއިން ބާރުއަޅާ ދުނިޔެއިން ނަމޫނާ ދެއްކުމަށް ރާއްޖެއިން އިތުރަށް މަސައްކަތްކުރުމަށް ގޮވާލާ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށައެޅުއްވި، މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ބޭނުން ވަނީ މާލީ އެހީތެރިކަން ނޫންކަމަށާއި، ރާއްޖެއަށް ބޭނުންވަނީ އެދާއިރާއިން ރާއްޖެއާއެކު އިންވެސްޓްކޮށް ވިޔަފާރިކުރުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މޫސުމީ މައްސަލަތަކުގެ އަސާސަކީ ދުނިޔޭގެ ޤައުމުތަކުންނާއި ރައްޔިތުން ކުރާ މަސައްކތްތަކެއް ކަމަށްވީ ނަމަވެސް މިހާރު އެމައްސަލަތަކާއި މެދު ޤައުމުތަކުން ދެކޭގޮތް ބަދަލުވާން ފަށާފައި ވާކަަމަށެވެ. އެގޮތުން ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މިމައްސަލައަކީ މިހާރު އިޤްތިޞާދީ މައްސަލައެއްގެ ގޮތުގައި ބަދަލުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ލާރިދޭނެކަމެއްނެތް. އަޅުގަނޑުމެން މާވަރަކުން ނުކަމަކުން ނުވެސް ހިނގަމު އެހީދޭށެކޭވެސް . ވިޔަފާރި އަޅުގަނޑުމެންނާއެކު ކުރުމަށް އަންނާށޭ އަޅުގަނޑުމެން މިބުނަނީ. މިއީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ކަމެއްކަމަށް." ރައީސް ނަޝީދު ވިދާޅުވިިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހުރި އަދި ލިބެންހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އަހަރަކު ފަސް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިދާނެކަމަށެވެ. އަދި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭނެ ގޮތްތައް ސާފުކޮށްދޭން ޖެހޭކަމަށާއި، ކަރަންޓް އުފައްދާ ކަރަންޓު ވިއްކޭނެ ފަދަ ގޮތްތައް އިންވެސްޓަރުންނަށް ސާފުކޮށްދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދުނިޔޭގެ ޤައުމުތައް ހޭލުންތެރިކޮށް އެކަމާއި ގުޅޭގޮތުން ވަކާލާތުކުރުމުގައި ފާހަގަކޮށްލެވޭ ލީޑަރެކެވެ.