ޚަބަރު

ކާނާލިބޭ ގަސް ރަށްރަށުގައި އާލާކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް

ޒަމާނުއްސުރެ ދިވެހިން ހައްދައި ކައިއުޅުނު ކާބޯތަކެތީގެ ބާވަތްތައް ރަށްރަށުގައި އާލާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ގަސްތައް ވަކިވަރަކަށް ހެދުމުން، ރަށްރަށަށް ހަދިޔާކުރާގޮތަށްކަމަށް އެގްރިކަލްޗަރ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް އިތުރުކުރުންމަށް ކުރާ މަސައްކަތުގެދަށުން ފެށި ޕްރޮގްރާމެކެވެ.
މި ސިޔާސަތުގެދަށުން ފެށި މި މަސައްކަތް ޢަމާޒުކުރަނީ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމަށް ބާރުއެޅުމަށް، ރަށްރަށަށް އެކި ބާވަތްތަކުގެ ގަސް ހަދިޔާކުރުމަށެވެ. އެގޮތުން މިނިސްޓްރީން މިހާރުވަނީ ރަށްރަށަށް ގަސް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ ތިލަދުންމަތީ އުތުރުބުރީ އުލިގަން، ވަށަފަރު އަދި މޮޅަދޫގެ ގޭބިސީތަކާއި، ރަށުގެ ހުސްބިމުގައި އިންދުމަށް ގަސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ. ހަދިޔާކުރުމަށް ހަމަޖެހިފައިވާ ގަހުގެ ބާވަތްތަކަކީ ބަނބުކެޔޮ، މުރަނގަ، ޖަނބުރޯލު، ދޮންކެޔޮ އަދި އަލަ ކަހަލަ ބާވަތްތަކެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ގަސް އުފައްދާފައިވަނީ އެގްރިކަލްޗަރ މިނިސްޓްރީއާއި ރާއްޖޭގެ އުތުރުގައި ދަނޑުވެރިކަމުގެ ދިރާސާއާއި، ތަމްރީންދިނުމަށް ޤާއިމުކޮށްފައިވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެއް ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއި އެކު ރަށުން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާކެވެ.

މި ޕްރޮގްރާމްގެ ދަށުން ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގެ ހަރަކާތް މި 3 ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ކަމަށްވާ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހުއެވެ.