ޚަބަރު

ގެސްޓްހައުސް ހުންނަ ރަށްތަކުން ކަރަންޓީން ނުވެ ދަތުރުކުރެވޭނީ 6 ޙާލަތެއްގައި


ގެސްޓްހައުސް ހިންގާ ރަށްތަކާއި އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭނީ 6 ޙާލަތެއްގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

މިހާލަތުގައި ޚިދުމަތްފަށާ ގެސްޓަހައުސް ހުންނަ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރާ މީހުން ޢާއްމު އުސޫލުން 14ދުވަހު ކަރަންޓީނުވާން ޖެހޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އުސޫލު އެކުލަވާލާފައެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްތަކުން އެހެން ރަށްތަކަށް 6ޙާލަތެއްގައި ދަތުރުކުރެވޭނެކަމަށެވެ.

ގެސްޓްހައުސްތައް މިމަހުގެ 15ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މި ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލު އެޗްޕީއޭއިންވަނީ ޢާއްމުކޮށްފައެވެ.

"ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތައް، ކޯޓުގެ ޚިދުމަތަށް އަދި ސްކޫލަށް ދިޔުމަށް ދެރަށްދެމެދުކުރާ ދަތުރުތަކަށް އެކަނި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުންވެސް މަޖުބޫރުކޮށްފައެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން ވަނީ މަނާކޮށްފައެވެ.

އުސޫލުގައި ބުނެފައިވާގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ.

ރަށްރަށުގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ދިޔުން މަނާކޮށްފައި ވަނީ ރަށްރަށަށް ކޯވިޑް19ބަލި ފެތުރުނަނުދިނުމަށެވެ. ރިސޯޓްތައް ހުޅުވާލިނަމަވެސް ގެސްޓްހައުސްގެ ޚިދުމަތް ފެށުމުގެ ހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ. ރާއްޖޭގެ އައްޑިހައަށްވުރެ ގިނަ ރަށުގައި ދިހަހާހަށްވުރެ ގިނަ އެނދު ހުރެއެވެ.

ތިންމަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިކަމާއިއެކު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. އަދި މިހާރުވަނީ ސަފާރީތައްވެސް އަލުން އޮޕަރޭޓްކުރަން ފަށާފައެވެ.

ޔުކލ

އެހެންވީމަ ދިވެހިން އަޅުވެތިވެފަ ގެސްޓުން މިނިވަންކަންމަތީ އުޅެވޭދޯ. އެމީހުން ޗުއްޓީ ހޯދުމަށް ރާއްޖެ އާދެވޭ އެކަމަކު ދިވެހިން ޗުއްޓީ ހޭދަކުރުމަށް އެހެން ރައްރަށަަށް ދިޔުމުގައި ދަތި.

ސަހަރޯ

މިފަދަ ނިކަމެތި ހަަލެއްގާ ތިބެގެން ގެސްޓު ހައުސްތައް ރަށްރރަށުގާ ހިންގަން ހަމަ ޖެހޭބާއޭ ހިތަށް އަރރާ.