ޚަބަރު

ޑަބްލިއުޓީއޯއަށް ކަނޑައަޅާ ސަފީރުކަމަށް ޑރ.އާސިމަށް ރުހުންދީފި


ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔު.ޓީ.އޯ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޑަބްލިޔު.ޓީ.އޯއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ޢާސިމް އަކީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްއެވެ. އާސިމަށް މަޖިލީހުން ރުހުން ދީފައިވަނީ 53 މެމްބަރުންގެ ވޯޓުންނެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުވުމުގެ ޚިދުމަތްވެސް ދެއްވާފައެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.