ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން އެކުލަވާލި މަލްޓި ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖް ފާސްކުރުމުގެ މަސައްކަތް ނާކާމިޔާބުވުމުން، މީގެ ކުރިން ދޫކޮށްފައިވާ ފަންޑުތަކުގައި ބާކީ ހުރި ފައިސާއިން އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމެރިކާ ސަރުކާރުން މީގެ ކުރިން ދޫކޮށްފައިވާ ފަންޑުތަކުގެ ބާކީ ހުރި ފައިސާއިން އެހީ ފޯރުކޮށްދޭން ނިންމާފައި މިވަނީ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ހުށަހަޅާފައިވާ އެހީގެ ޕެކޭޖަށްވުރެ ބޮޑު ޕެކޭޖެއް ތަޢާރަފްކުރަން ނިންމާފައިވާކަން މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވާފައިވަނިކޮށެވެ.
އެމެރިކާ ސަރުކާރުގެ އައު ޕްލޭންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވައިޓް ހައުސްގެ ތަރުޖަމާނު ބްރައިން މޯގެންސްޓަރން ވިދާޅުވީ، މި ދަނޑިވަޅުގައި ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް މާލީ އެހީ ފޯރުކޮށްދިނުމަކީ ސަރުކާރުުގެ އަމާޒުކަމަށެވެ. އެގޮތުން މަލްޓި ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖް ފާސްވުމަށް ގިނަ ދުވަސްތަކެއް ނެގުމުން ރައްޔިތުންނަށްވާ ގެއްލުން ދެނެގަނެ، މީގެ ކުރިން އެކި މަސައްކަތްތަކަށް ދޫކޮށްފައިވާ އެހީތަކުގެ ބާކީ ފައިސާ ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ދޫކޮށް ނިމިފައިވާ ޕޭރޯލް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ބާކީ މިދަނޑިވަޅުގައި ބޭނުންކުރުމަށް ނިންމާފައިވާކަމަށް ބްރައިން މޯގެންސްޓަރން ވިދާޅުވިއެވެ.
ފަންޑުތަކުގައި ބާކީ 130 ބިލިއަން ޑޮލަރު ހުރިއިރު މިފައިސާއިން ބައެއް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެމެރިކާގެ ސަރުކާރުގެ ނިންމުމާ ގުޅޭގޮތުން އިދިކޮޅު ޑިމޮކްރެޓުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މައްސަލައިގައި ހަރުދަނާ ފިޔަަވަޅުތަކެއް ނާޅުއްވާކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ބަސްމަގު ދިމާނުވުމަކީ އެމެރިކާގެ ރައްޔިތުންނަށް މި ދަނޑިވަޅު ދިމާވެފައިވާ ދަތިތަކުން އަރައިނުގަނެވި، އިތުރު މާޔޫސްކަމެއް ލިބެމުންދާކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން އިޤްތިޞާދު ކޮޅަށްޖެހުމަށް ބޭނުންވާ މަލްޓި ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް އިންތިޚާބަށްފަހު ފާސްކުރުމަށް ނިންމުމުންވެސް އެމެރިކާގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެމެރިކާގެ އިޤްތިޞާދަށް ކޯވިޑްއާ ގުޅިގެން ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާއިރު، ބަލި ކޮންޓްރޯލްކުރުމުގައި އަދި އިޤްތިޞާދަށް ލިބެމުންދާ ގެއްލުން ކުޑަކޮށްދިނުމަށް އެހީތެރިވުުމުގައި އެޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެގޮތުން މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށް އެހީ ފޯރުކޮށްދޭން ފެށި ނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން ކުރި އަސަރު އަންދާޒާކުރިވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އިތުރު އެހީ ފޯރުކޮށްދިނުމަށް ވަނީ މަޖުބޫރުވެފައެވެ.
މި މަސައްކަތުގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ކޯވިޑްގެ ސަބަބުން އަސަރުކުރި އެއަރލައިންތަކާއި ކުދި ވިޔަފާރިތަކަށް އަދި އާންމު ވަކި ވަކި ފަރުދުންނަށް އެހީވުމަށް މަލްޓި ޓްރިލިއަން ޑޮލަރ ސްޓިމިއުލަސް ޕެކޭޖެއް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ.
އެމެރިކާ ސަރުކާރުން މި ޕެކޭޖުގެ ދަށުން 1.8 ޓްރިލިއަން ޑޮލަރު ދޭން ނިންމި ނަމަވެސް، ޤާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރެޓުން ވަނީ މިއަދަދު 2.2 ޓްރިލިއަން ޑޮލަރަށް ބޮޑުކޮށް އިތުރު ފަރާތްތަކަށް އެހީ ދޭން އެއްބަސްވެގެން ނޫނީ މި ޕެކޭޖް ފާސްނުވާނެކަމަށް ބުނެފައެވެ. މި ސަބަބަށްޓަކައި މީގެކުރިން ސަރުކާރުން ދޫކުރި ލޯނުގެ މުއްދަތު ހަމަވިއިރުވެސް އައު ސްޓިމިއުލަސް ޕެކޭޖު ފާސްނުވުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކާއި އެއަރލައިންތަކުން ދަނީ ޚަރަދު ދެކޮޅު ޖެއްސުމަށް ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ.