ވިޔަފާރި

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް 2 ކެމްޕެއިނެއް ފަށައިފި


މެދު އިރުމަތީގައި ރާއްޖޭގެ ޕްރޮމޯޓްކުރުމަށް 2 ކެމްޕެއިނެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން ކުރިއަށްގެންދަނީ ޑިނާޓާ ޓްރެވެލް އަދި އެމިރޭޓްސް ވުމަންއާއެކުއެވެ. މިއީ ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލުމާއިއެކު އެމްއެމްޕީއާރުސީން ފެށި "ރީޑިސްކަވަރ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" ތީމްގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިންތަކެކެވެ.

އެމިރޭޓްސް ގުރޫޕްގައި ހިމެނޭ ޑިނާޓާ ޓްރެވެލް އަކީ ޔޫއޭއީގައި 60 އަހަރުގެ ތަޖުރިބާއާއެކު އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރަމުންގެންދާ ފަތުރުވެރިކަމުގެ ޙިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. ޑިނާޓާ ޓްރެވެލްއާއެކު ކުރިއަށްގެންދާ ކެމްޕެއިންގައި އެ ކުންފުނީގެ އެކި ޗެނަލްތަކުގައި ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ.

މި ކެމްޕެއިން ކުރިއަށްދާނީ 2 މަސްދުވަހަށެވެ. މި ކެންޕެއިންގެ ސަބަބުން ޔޫއޭއީއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ކުރިއަށްގެންދާ 2 ވަނަ ކެމްޕެއިން ކުރިއަށްދާނީ މެދު އިރުމައްޗަށް ހާއްސަކޮށް ލިޔުންތައް ތައްޔާރުކުރުމުގައި 40 އަހަރަށްވުރެ ގިނަ އަހަރު ތަޖުރިބާލިބިފައިވާ ލައިފްސްޓައިލް އަދި ފެޝަން ބްރޭންޑް އެމިރޭޓްސް ވުމަންއާއިއެކުއެވެ. މި ކެމްޕެއިން ކުރިއަށްދާނީ 2 ހަފްތާއަށެވެ. މި ކެންޕެއިންގައި ލިޔާ ލިޔުންތައް ހުންނާނީ ޔޫއޭއީގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމުގައި އިސްކަންދޭންޖެހޭ ކަންކަމަށެވެ. އަދި ރާއްޖޭގެ ރީތިކަން ސިފަކޮށްދޭ މަންޒަރުތަކުގެ އިތުރުން ފަތުރުވެރިން ބޭނުންވާނެ ފަދަ މައުލޫމާތު ހިމެނޭ ތަފާތު ލިޔުންތައް ހިމަނާނެއެވެ.

މި 2 ކެމްޕެއިންގެ މަޤްސަދަކީ މެދުއިރުމަތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ބުނެދިނުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.