ވިޔަފާރި

މީރާއަށް ބަލައިގަތް އާމްދަނީ 30.9 އިންސައްތަ ދަށަށް!


ސެޕްޓެމްބަރުމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން 843 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 30.9 އިންސައްތަ ދަށްއަދަދެކެވެ.

ސެޕްޓެމްބަރުމަހު މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 385.57 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މީރާއަށް ލިބުނު އާމްދަނީގެ 45.7 އިންސައްތައެވެ. 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 25.8 އިންސައްތަ ނުވަތަ 217.16 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ބީޕީޓިގެ ގޮތުގައި 150.13 މިލިއަން ރުފިޔާ، ރެސިޑެންޝަލް ޕާމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ ވަނީ މީރާއިން ބަލައިގަނެފައެވެ.

ސެޕްޓެމްބަރުމަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 6.74 މިލިއަން ޑޮލަރު ހިމެނެއެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި މީރާއަށް ލިބުނު އާމްދަނީ ދަށްވެފައިވަނީ ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، އެ ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ ސަބަބުންކަމަށެވެ.

ޖީއެސްޓީ، ގްރީން ޓެކްސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތައް ކޯވިޑް19 އާއި ގުޅިގެން ވަނީ ދަށްވެފައެވެ. މީގެއިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރުމުގެ ސަބަބުންވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ.