ސިފައިންގެ ތަމްރީން ޕްރޮގްރާމްކަށް ލ.ގަމަށް ދަތުރުކޮށް ކަރަންޓީންގައިތިބި ސިފައިންގެ 58 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތަމްރީން ޕްރޮގްރާމަކަށް ސިފައިންގެ 93 މީހަކު ވަނީ އެރަށަށް ދަތުރުކޮށްފައެވެ. މިމީހުން ތިބެނީ ލ.ގަމުގައި މީހުން ދިނޫޅޭ ސަރަހައްދުގައި ހަދާފައިވާ އެމްއެންޑީއެފް ކޭމްޕް ސައިޓެއްގައެވެ.
ގަމު ހޮސްޕިޓަލްގެ ފަރާތުން ވިދާޅުވި މިކޭމްޕްގައި ތިބި މީހުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އެހޮސްޕިޓަލުން ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން ސިއްޙީ އެހީތެރިކަން ބޭނުންވާ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ ކަންކަން ހަމަޖައްސަމުންދާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެޑްމިޓްކޮށްގެން މިބަގުތު ފަރުވާދެމުންނެއް ނުދާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެމްއެންޑީއެފް ކޭމްޕުން ޕޮޒިޓިވްވި މީހުން ބައިތިއްބާފައިވަނީ ކޭމްޕްގެ ވަކި ސަރަޙައްދެއްގައެވެ. ބާކީތިބި ސިފައިންގެ މީހުންގެތެރެއިން ޢަލާމާތްތައް ހުރި މީހުންނާއި، ޢަލާމާތްތައް ނެތް މީހުންވެސް ތިބީ ކޭމްޕްސައިޓްގައި ވަކިންނެވެ.
މިތަމްރީން ޕްރޮގްރާމަށް ސިފައިން ގަމަށް ދަތުރުކޮށްފައިވަނީ މިދިޔަމަހުގެ 19ވަނަ ދުވަހުއެވެ. އަދި ގިނަ ބަޔަކު ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުތަކުންނެވެ.
މީގެއިތުރަށް ލ.ގަމުގައި ހޯމް ކަރަންޓީގްގައި ހުރި މީހަކުވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ގަމު ހޮސްޕިޓަލުން މަޢުލޫމަތުދެއްވައެވެ. އެއީ ޢުމުރުން 20އަހަރުގެ ފިރިހެނެކެވެ. މީގެކުރިންވެސް އެރަށުން 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.