ވިޔަފާރި

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރުމަށް 6 ފަޅުރަށެއް ކުއްޔަށް ދޫކުރަނީ


ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް 6 ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި އެ މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމުގެ ސަަބަބުން ޕޯލްޓްރީ ނުވަތަ ކޯލިއާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެންދާނޭކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިކަމަށެވެ. އަދި މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ.

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް ބީލަމުގެ އުޞޫލުން ކުއްޔަށް ހިފުމަށް ދޫކޮށްފައިވާ ރަށްތައް:

  • ހއ. މަޑުލު - 16.1 ހެކްޓަރ
  • ށ. ކަކާއެރިޔަދޫ - 14.6 ހެކްޓަރ
  • ށ. ނެޔޮ - 20.6 ހެކްޓަރ
  • ނ. ތޮޅެންދޫ - 16.8 ހެކްޓަރ
  • ބ. މާއްޑޫ - 26.6 ހެކްޓަރ
  • ގދ. އޮއިނިގިއްލާ - 13.5 ހެކްޓަރ

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު "ބީލަން ފޮތް" ވިއްކުމާއި "ބިޑް" ބަލައިގަތުމަށް އެދިވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ނަމްބަރު 7755335 އަށް ޓެކްސްޓް މެސެޖު އަދި [email protected] އީމޭލް މެދުވެރިކޮށް ކަމަށެވެ. ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 14 އޮކްޓޫބަރު 2020 ވަނަ ދުވަހުން ފެށިގެން 05 ނޮވެންބަރު 2020 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް ވެލާނާގެ 2 ވަނަ ފަންގިފިލާ އިންނެވެ.

ބީލަން އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާއަށް ބަލާއިރު، އިންވެސްޓްމަންޓް ޕްލޭނަށް 55 މާކްސް، ޕްރޮޑަކްޝަން ޕްލޭނަށް 25 މާކްސް، އަދި ހިއުމަން ރިސޯސް ޕްލޭނަށް 20 މާކްސް ދެވޭނެއެވެ.