ތިމާވެށި

އިޔާދަކުރަނިވި ހަކަތަ ހުރިހާ ރަށެއްގައި ބޭނުންކުރުމަކީ އަމާޒެއް


ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 4 އަހަރުތެރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ކަރަންޓްގެ %30 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައި.ރީ.ނާގެ ފަރާތުން ރާއްޖެއަށް ތައްޔާރުކޮށްފައިވާ ރިނިއުބަލް އެނަރޖީ ރޯޑްމެޕް ފައިނަލްކުރުމުގެ ގޮތުން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައި.ރީ.ނާގެ ފަރާތުން ރާއްޖެއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ރިނިއުބަލް އެނަރޖީ ރޯޑްމެޕަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ރޯޑްމެޕެކެވެ. އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހުރި ފުރުސަތުތަކާއި، މި މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން، މި މަސައްކަތަށް ބޭނުންވާ ޓެކްނޮލޮޖީގެ ހައްލުތަކާއި، ސިޔާސަތުތައް މި ރޯޑްމެޕްގައި ފާހަގަކޮށްފައިވެއެވެ.މީގެ ތެރޭގައި ފްލޯޓިންގ ޕީ.ވީ ނުވަތަ ކަނޑުމަތީގައި ސޯލާޕެނެލް ހަރުކޮށްގެން ހަކަތަ އުފެއްދުމާއި، އިންޓަރ ކަނެކްޝަން ނުވަތަ ސަބްމެރިން ކޭބަލް ބޭނުންކޮށްގެން އެއް ރަށް އަނެއްރަށާއި ގުޅުވާލުމާއި، މޫދު ލޮނު ބޭނުންކޮށްގެން ކަރަންޓް އުފެއްދުން ފަދަ ފަހުގެ ޒަމާނީ އިޖާތުތައް ބޭނުންކުރުން ހިމެނެއެވެ. ރިނިއުބަލް އެނަރޖީ ރޯޑްމެޕާއި ގުޅޭގޮތުން ބޭއްވި މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވުން އެންވަޔަރަމަންޓް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާފުޅާ ކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އެގޮތުން މިހާރުވެސް އިއާދަކުރަނިވި ހަކަތައިގެ ދާއިރާފުޅާ ކުރުމަށް ރާއްޖޭގެ 3 ސަރަހައްދެއްގައި ވަރަށްވެސް ކާމިޔާބުކަމާއެކު ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަޝްރޫޢުތަކެއް ސަރުކާރުން ހިންގަމުންގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ މުއިއްޒު ވިދާޅުވީ މި ރިނިއުބަލް އެނަރޖީ ރޯޑްޕެމްގެ ސަބަބުން، ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.މި ބައްދަލުވުމުގައި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައި.ރީ.ނާގެ ފަރާތުން ވާހަކަދައްކަވަމުން އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އަދްނާން އަމީން ވަނީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. ނަމަވެސް އަދި މިދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް އެބަހުރިކަމަށާއި، މީގެތެރޭގައި ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފާތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިންވެސް ހަކަތާއިގެ ދާއިރާއާއި ގުޅުންހުރިކަންކަން ތަޢާރަފުކޮށް، ޕްރައިވެޓް ސެކްޓަރގެ ހިއްސާ މިދާއިރާގައި އިތުރަށް ފުޅާކުރުންފަދަ ކަންކަން ކުރެވިދާނެކަމަށް އަދުނާން ވިދާޅުވިއެވެ.  ކުރުނބާ މޯލްޑިވްސްގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި، ރޯޑްމެޕްގައި ފާހަގަކޮށްފައިހުރި މުހިއްމު ފިޔަވަޅުތައް ކަމާބެހޭ ދާއިރާތަކާއި ހިއްސާކޮށް، ފުޅާދާއިރާއެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަމާއި ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ޓުއަރިސްޓް ރިސޯޓުތަކާއި ބައެއް އަމިއްލަ އެން.ޖީ.އޯތައް ހިމެނޭހެން 40 ފަރާތަކުން ބައިވެރިވެފައިވެއެވެ.