ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދިއްދޫއިން ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 6ވަނަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކު ތެރެއިން 3 ސާމްޕަލެކެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއެކު އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކުޅުދުއްފުށިން ނެގި 10 ސާމްޕަލްގެ ތެރެއިން އިއްޔެވަނީ އިތުރު 2 ސާމްޕަލް ޕޮޒިޓިވް ވެފައެވެ. އެއީވެސް 2 ފުލުހުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިކޭސްއާ ގުޅިގެން އެންމެ އުތުރުގެ 3 އަތޮޅުން މިއަދު ވަނީ އިތުރު 88 ސާމްޕަލް ނަގާފައެވެ.
އޭގެތެރޭގައި ހިމެނެނީ ހއ.ހޯރަފުށިން 8 ސާމްޕަލާއި ދިއްދޫން 23 ސާމްޕަލާއި ކުޅުދުއްފުށިން 23 ސާމްޕަލާއި ށ.މިލަންދޫން 2 ސާމްޕަލާއި އެއަތޮޅު ފޯކައިދޫން 6 ސާމްޕަލާއި ކަނޑިތީމުން 2 ސާމްޕަލް އަދި ފުނަދޫއން 24 ސާމްޕަލެވެ. މި ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކޭސްގައި ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ފުލުސް އޮފިސަރު ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރެގެން މިމަހުގެ 4ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ. ސާމްޕަލް ނުލިބެނީސް އޭނާގެ އުފަން ރަށް، ކުރިނބީއަށް މިމަހުގެ 5ވަނަ ދުވަހު ގޮސްފައެވެ. ޕޮޒިޓިވްވިކަން އެނގުނީ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައެއެވެ.