ކުޅިވަރު

ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ފަށައިފި


ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ނާޑް ސްޕޯޓްސް ކުލަބާއި ފްލެޓް ސިޓީއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ނާޑް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނާޑް ސްޕޯޓްސްގެ އަލީ ހުސެއިންއެވެ.

ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ބްލެކް ޒީނޯއާއި ޓީމް ނެކްސްޓް ބައިއެވެ. މި މެޗު ސީދާ ތިން ސްޓުން ކާމިޔާބު ކޮށްފައިވަނީ ބްލެކް ޒީނޯއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މުބާރާތުގައި ބްލެކް ޒީނޯއަށް ކުޅެމުން އަންނަ ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން ހުޒާމް އަލީއެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމު ވާދަކުރާއިރު، މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

ސެމީ ފައިނަލްގެ 3 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕޮއިންޓް ތާވަލްގެ އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ވެގެންދާނެއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕޮއިންޓް ތާވަލުގެ ތިންވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ސެމީގެ ތިންވަނަ މެޗުގައި ބައްދަލު ކުރަންޖެހޭނީ ސެމީފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ޓީމާއި ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވެގެން ދާނެއެވެ.