ޚަބަރު

ހދ.ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި


ހދ ކުޅުދުއްފުށިން އެއަތޮޅު ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

ބަންޑުން ޖަހާލާފައިވާ ދޯނި ދަތުރުކުރަމުން ދިޔައީ، ކުނބުރުދޫއާއި ކުރިނބީއާއި ދޭތެރެއިން ކަމަށާއި، ބަންޑުން ޖަހާލި އިރު ދޯނި އޮތީ ކުނބުރުދޫއާ ކައިރީގައ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަންޑުން ޖަހާލި ދޯނިން ދަތުރު ކޮށްފައިވަނީ 3 މީހުންނެވެ. އެއީ 2 ފިރިހެނުންނާއި، އަންހެނެކެވެ. ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ވިދާޅުވިއެވެ.

މިހާދިސާގެ މަޢުލޫމާތު މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރިނބީ ކައުންސިލަށް ލިބިފައިވާ ކަމަށާއި، މި މަޢުލޫމާތު މިހާރު އެމްއެންޑީއެފްގެ ކޯސްޓް ގާޑާ ހިއްސާ ކޮށްފައިވާ ކަމަށް އަފްރާހް ވިދާޅުވިއެވެ. އަދި ބަންޑުން ޖަހާލާފައިވާ ދޯންޏަށް އެހީތެރިކަން ފޯރުވައި ދިނުމަށް އެ ސަރަހައްދަށްވަނީ އިތުރު ދޯންޏެއް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިނބީއަށް ނިސްބަތްވާ "ވިންދު" ނަމަކަށް ކިޔާ މިދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދާތަކެއްހެން ވަނީ ކަނޑުއަޑި އަށް ގޮސްފައެވެ. އަދި މިހާތަނަށް އެނގުނު ގޮތުގައި، މި ދޯނި އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.