ޚަބަރު

މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތް މެދުނުކެނޑި ހަރުދަނާކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކުންފުންޏަށް ޤާނޫނީ ބާރުވެރިކަން ބޭނުންވާ ކަމުގައި، ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވަނީ މާލޭ ސިޓީގައި ކުނި މެނޭޖުކުރުމުގެ ކަންކަން ހަރުދަނާ ކުރުމާގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަނާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މާލެސިޓީ ކައުންސިލް އަދި ވެމްކޯއިން ބައިވެރިވެރިވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިހާރު ކުނި ނެގުމުގައި ގެންގުޅޭ ގޮތްތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރުމާއި، އެ އިދާރާގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، މާލެ ސިޓީ ސާފުތާހިރުކޮށް، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މުއައްސާތަކުން ވަނީ އެ މުއައްސަސާތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

އަދި، ކުނި ނެގުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.