ޚަބަރު

އަބުރުގެ ބިލަކީ މީޑިއާ އާއި ނޫސްވެރިންނަށް އަމާޒުކޮށް ހުށައަޅާ ބިލެއް ނޫން: ބަންޑާރަ ނައިބުގެ އޮފީސް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން، ހުށައެޅުއްވުމަށް ނިންމަވާފައިވާ 28 ބިލުގެ ތެރޭގައި ހިމެނޭ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، މީޑިއާއަށް އަމާޒު ކުރެވިފައިވާ ބިލެއް ނޫންކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެބިލާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، އަލަށް ހުށައަޅާ ބިލާއި، ރައީސް ޔާމީނުގެ ސަރުކާރުގައި ފާސްކޮށް މީޑިއާތައް ޖޫރިމަނާ ކުރުމަށް ބޭނުންކުރި، އަދި މިސަރުކާރުން އުވާލެއްވި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ތަފާތު ވާނެ ކަމަށެވެ. މިގޮތުން އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، މީޑިއާ އާއި ނޫސްވެރިންނަށް އަމާޒުކޮށް ހުށައަޅާ ބިލެއް ނޫންކަމުގައި އެއޮފީހުން ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، އާއްމު ޤާނޫނުތަކުގެ ތެރޭގައި ހިމެނިގެން މިހާރުވެސް އަމަލުކުރަމުންދާ އޮތް ޤަވާއިދަށް ޤާނޫނީ ބާރު ލިބިދިނުމުގެ ގޮތުން ހުށައެޅޭ ބިލެއް ކަމަށެވެ. އަދި އެބިލު ޤާނޫނަކަށް ވެގެން އަންނައިރުވެސް، އަބުރާއި ބެހުމުގެ ކުށް ހިމަނާފައި އޮންނާނީ، މަދަނީ ކުށެއްގެ ގޮތުގައި ކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި މިހާރު ކުރިޔަށްދަނީ އެބިލުގެ ދެލިކޮޕީތައްޔާރު ކުރުމުގެ މަސައްކަތް ކަމުގައިވެސް އެއޮފީހުން ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ފާސްކޮށް އަމަލުކުރަމުން ދިޔަ، އަބުރު ރައްކާތެރިކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލާފައި ވަނީ މިސަރުކާރުންނެވެ. އުވާލެވުނު އެޤާނޫނުގައި އަނބުރާ ބެހުން ކަނޑައަޅާފައި އޮތީ ޖިނާއީ ކުށެއްގެ ގޮތުގައެވެ. އަދި އަބުރާ ބެހުމުގެ ކުށުގެ ޖޫރިމަނާގެ ގޮތުގައި 2 މިލިޔަން ރުފިޔާ އާއި ހަމައަށް ޖޫރިމަނާތައް ކުރަމުން ދިޔައިރު، ރައީސް ޔާމީނުގެ ސަރުކާރުން އެޤާނޫނު ބޭނުންކޮށްފައި ވަނީ މީޑިއާތައް ޖޫރިމަނާކޮށް ނޫސްވެރިންނާއި މެދު ފިޔަވަޅު އެޅުމަށެވެ. މިގޮތުން ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅު ޚަބަރާއި މައުލޫމާތު ގެނެސްދިން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެއެވެ.

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި އެކު ބަންޑާރަ ނައިބުގެ އޮފީހުން މިދައުރަށް ހުށައަޅާނެ 28 ބިލުގެ ލިސްޓު މަޖިލީހަށް މިހާރު ފޮނުވާފައި ވާއިރު، އެއިން ކޮންމެ ބިލެއް، މަޖިލީހަށް ފޮނުވުމަށްފަހު، ބިލުގައިވާ ތަފްސީލު ހިއްސާކުރަމުން ގެންދާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.