ވިޔަފާރި

"1619" ހޮޓްލައިން މެދިވެރިކޮށް ތާޒާފެނަށް ފަސޭހައިން އޯޑަރުކުރެވޭނެ


ތާޒާ ފެނަށް އޯޑަރުކުރުމަށް ޝޯޓްކޯޑް ހޮޓްލައިނެއް ތަޢާރަފްކޮށްފިއެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން ފޯރުކޮށްދޭ މި ޚިދުމަތަށް މިހާރު "1619" ސޯޓްކޮޑް މެދުވެރިކޮށް އޯޑަރުކުރެވޭނެއެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަކީ، މާލެ ވޯޓަރ އެންޑް ސެވަރޭޖް ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. "1619" ހޮޓްލައިން އިފްތިތާޙްކޮށްދެއްވީ އައިބީއެމްގެ ޗެއަރމަން އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ.

ހޮޓްލައިން އިފްތިތާޙުކުރުމަށް ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި އައިލެންޑް ބެވަރޭޖަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް އަންވަރު ވިދާޅުވީ އެ ކުންފުނިން އެންމެ އިސްކަމެއްދެނީ ކޮލިޓީ ރަނގަޅު އުފެއްދުމަކާއި، އަދި ފަސޭހަ ޚިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން ފެނުގެ ރައްކާތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ އެތަށް ތަޙުލީލުތަކެއް ކުރާކަމަށް އަންވަރު ވިދާޅުވިއެވެ.

"ފެން ފުޅީގައި ބަންދުކުރުމަށްފަހުވެސް އެކި ކަހަލަ ތަޙުލީލުތަށް ކުރަން. ބޭނުމަކީ ރައްކާތެރިކަން ކަށަވަރުކުރުން." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ޚިދުމަތްތައްވެސް ތަޢާރަފުކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާކަމަށެވެ.

ތާޒާ ފެން ފޯރުކޮށްދޭތާ 16 އަހަރު ވަނީ ވެފައެވެ. އެ ކުންފުނިން ދަނީ 330 މިލިލީޓަރުން ފެށިގެން، 5 ލީޓަރުގެ ބޮޑެތި ފެން ފުޅިވެސް އުފައްދަމުންނެވެ. މާލެއާއި އަތޮޅުތަށް ހިމެނޭހެން، ތާޒާ ފެން ފޯރުކޮށްދޭ 6 އައުޓްލެޓް ހުރެއެވެ.