ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުން ޓީސީ ރަނގަޅުކޮށްފި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗް ޓީސީ ކާމިޔާބުކޮށްފި. މަހިބަދޫ ސްޕޯޓްސް ކްލަބާއި ވާދަކޮށް ޓީސީ މެޗް ކާމިޔާބުކުރީ ދޭއް ސުމަކުންނެެވެ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުނީ ސުމެއް ސުމަކުން ދެ ޓީމް އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހާފްގައި މަހިބަދޫއަށްވަނީ ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފައެވެ. ބިދޭސީ ފޯވާޑް އެންޑަސަން ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ޓީސީގެ ގޯލްކީޕަރ އިމްރާނެވެ. މެޗުގައި ޓީސީގެ ދެ ގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފްގައި. ފުރަތަމަ ލަނޑު އަލީ ނާފިއު ޖަހައިދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ ފޯވާޑް ރަފައެލްއެވެ. މެޗަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މުޅި މެޗުގައިވެސް ޓީސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެއްކަމަށާއި، މެޗުން ލިބުނު ހަމައެކަނި ހިތްހަމަ ޖެހުމަކީ ނަތީޖާކަމަށެވެ. މިވަރުގެ ދަށް ކުޅުމެއް ފެނިގެންދިޔައީ ދަނޑުގެ ފެންވަރު ދަށްކަމުންކަމަށާއި، ޓީސީ ކުޅޭ ގޮތް އެއްކޮށް މެޗުގައި ބަދަލްކުރަން ޖެހުނުކަމަށް ނިޒާމް ބުންޏެވެ. "މެޗުގައި ޓީސީގެ ފަރާތުން ފެނުނީ ދަށްކުޅުމެއް. ޓީސީއަކީ ތިރިން ބޯޅަ ކުޅޭ ޓީމެއް، ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޓިސީ ޖެހުނީ ކުރިއަށް ދިގު ބޯޅަތަކެއް ލައިގެން ކުޅެން، އެހެންވެ އެހާ ދަށްކުޅުމެއް ފެނުނީ." ނިޒާމް ބުންޏެވެ.މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކޯޗް ސްޓޮއިކޯފް ބުނީ މެޗުގައި ޓީމުގެ ފަރާތުން ހިތްހަމަ ޖެހޭ ކުޅުމެއް ފެނުނުކަމަށާއި، ބައިކޮޅަށް ވަތް ދެ ގޯލަކީވެސް ޑިފެންސް ލައިނަށް ހެދުނު ގޯސްތަކަކުން ވަތް ދެ ގޯލްކަމަށެވެ. ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީ ސްކޯ ކުރެވުނު ނަމަ މިއަދުގެ މެޗުން ތިން ޕޮއިންޓް ލިބުމުގެ ފުރުސަތު ބޮޑުވީސްކަމަށް ސްޓޮއިކޯފް ބުންޏެވެ. "ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީ ވަތްނަމަ މެޗުން ޕޮއިންޓެއް ނަމަވެސް ލިބުނީސް، ކުޅުމާ މެޗު ހިތްހަމަ ޖެހޭ. މަހިބަދޫން އަންނަނީ މި ސީޒަންގައި މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން." ސްޓޮއިކޯފް ބުންޏެވެ.ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ގްރޫޕްގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރުދުވަހުގެ ހަވީރު. އެ މެޗުގައި ވާދަކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސްއެވެ.