ތަޢުލީމު

ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ބޮޑު: ރައީސް


ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެބޭފުޅުންގެ މަސައްކަތްތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އިތުރުން ދެން އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުންކަމަށާއި، މުދައްރިސުންގެ ޙިދުމަތާއެކު ދިރިއުޅުން އުޖާލާވެގެންދާކަމަށެވެ.

އަދި ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުން އަދާކުރާ ދައުރު ވަރަށް ބޮޑުކަމަށާއި، އެބޭފުޅުންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓުވީޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، އެމަނިކުފާނުގެ މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ. އަދި ޤައުމުގެ އަންނަން އޮތް ޖީލު ބިނާކުރެއްވުމުގައި މުދައްރިސުން ކުރައްވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މުދައްރިސުންގެ ދުވަހާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ހުރިހާ މުދައްރިސުންނަށް އަރިސްކޮށް، ޓުވީޓްކުރައްވާފައެވެ.

ނައިބު ރައީސްގެ ޓުވީޓުގައި، ކޯވިޑް-19ގެ މި ޙާލަތުގައިވެސް ދަރިވަރުންނަށް ތަޢުލީމު އުނގަންނައިދިނުމުގައި މުދައްރިސުން ކުރާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަކީ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ހެދުމަށް މުދައްރިސުން ކުރާ ބުރަ އަދި މިންނެތް މަސައްކަތްތަކަކީ ދުވަހަކުވެސް އޭގެ އަގު އަދާނުކުރެވޭނެފަދަ ޤައުމީ ޚިދުމަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވެއެވެ.

މުދައްރިސުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ޓީޗާރސް - ލީޑިންގ އިން ކްރައިސިސް، ރީ-އިމޭޖިނިންގ ދަ ފިއުޗަރ"އެވެ. މިފަދަ ޝިއާރެއް ކަނޑައަޅާފައި މިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އުނގަންނައިދިނުމުގެ ދާއިރާއަށް ނުވަތަ ތަޢުލީމީ ދާއިރާއަށް ކޮށްފައިވާ އަސަރުތަކާއި އެކުވެސް، ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ، ކާރިސާގެ ވަގުތުގައިވެސް މުދައްރިސުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުންކަމަށް ޔުނެސްކޯއިން ބުނެފައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން، ސްކޫލަށް ކުދިން ޙާޞިރުވެގެން ކިޔެވުމުގެ ފުރުޞަތު ނެތުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނަ މުދައްރިސުންތަކެއް އަންނަނީ ކިޔަވައިދެމުންނެވެ. ރާއްޖޭގައިވެސް ކޯވިޑް-19ގެ ޙާލަތާގުޅިގެން އިޢުލާންކުރި ފުރަބަންދާއެކު، ޓެލިކިލާސްތަކާއި، ގޫގަލް ކްލާސްރޫމް އަދި އެނޫންވެސް އޮންލައިން ޕްލެޓްފޯމްތަކާއި ވަރޗުއަލްކޮށް ކިޔަވައިދިނުމަށް މުދައްރިސުން ކޮށްފައިވަނީ ތަޢުރީފު ހައްޤު މަސައްކަތްތަކެކެވެ. އަދި ޙާލަތަށް ބަލާ ދެވުނު ލުއިތަކާއެކުވެސް މުދައްރިސުން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ކޮންމެ މީހަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެކެވެ.