އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނުނު ގދ.ހޯނޑެއްދޫ އެއް މަސްދުވަހަށްފަހު މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ. އެރަށް މޮނޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 4ވަނަ ދުވަހުއެވެ. އެއީ ވަކި ކޭސްއަކާ ގުޅުމެއްނެތް 2މީހަކު އެރަށުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މިކޭސްއާ ގުޅިގެން ގދ.ހޯނޑެއްދުއާއި އެރަށާ ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލިވެސް މޮނިޓަރިންގެ ޙާލަތަށް ގެންދިޔައެވެ.
ހޯނޑެއްދުއިން 2 ކޭސް ފެނުނުއިރު، ރަށުގެ ކަރަންޓީންގައި ތިބި 4 މީހަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މި 4 މީހުންނާއެކު އެރަށުން ޖުމްލަ 47 މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން 43 މީހުންނަކީ އެއް ކްލަސްޓަރއަކަށް ނިސްބަތްވާ މީހުންނެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ޙާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 44 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިވަގުތު އެރަށުގައި ބައްޔަށް ޕޮޒިޓިވްވެފައި ތިބީ 3 މީހުންނެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުންގެ ގޮތުގައި އެރަށުގައި 200އަށްވުރެ ގިނަ މީހުން ތިއްބެވެ. ގޭބިސީން ބަލާނަމަ ރަށުގެ %6 ގެއިން ޕޮޒިޓިވް ކޭސް، އަދި %19 ގޭގައި ބަލިމީހުންގެ ކޮންޓެކްޓުން ވަނީ ފެނިފައެވެ.
ބަލިމީހުންނާއި ކޮންޓެކްޓްވި އެންމެންގެ ސާމްޕަލްތައް ޓެސްޓުކޮށްފައިވެއެވެ. އަދި ރަށުންވަނީ ރެންޑަމް ސާމްޕަލްގެ ގޮތުގައި 450އަށްވުރެ ގިނަ ޓްސްޓު ހަދާފައެވެ.
ގިނަ ކޭސްތަކެއް އެރަށުން ފެނުނު ނަމަވެސް އެރަށުގައި މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެމުންދިޔަކަމަށް އެޗްޕީއޭއިން ނިންމާފައެއް ނުވެއެވެ. މިގޮތަށް ނިންމާފައި ނުވަނީ އެރަށުންފެނުނު ހުރިހާ ކޭސްތަކަކީވެސް އެއްކޭސް އަނެއް ކޭސްއާއި ގުޅުންހުރި ކޭސްތައްކަމަށްވާތީކަމަށްވަނީ ބުނެފައެވެ. ގދ.ހޯނޑެއްދުއަކީ އަތޮޅުތަކުން އެންމެ ގިނަ މީހުން އެއް ރަށަކުން ފެނުނު ރަށެވެ. އެރަށް މޮނިޓަރިންގެ ޙާލަތުން ނެގުމާއެކު މިހާރު އަތޮޅުތަކުގެ އެއްވެސް ރަށެއް މޮނިޓަރިންގެ ޙާލަތުގައެއް ނުވެއެވެ.