ވިޔަފާރި

މިދިޔަމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 18867 ފަތުރުވެރިން


ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށްފަހު މިވީ މުއްދަތުގައި 18867 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ނިމުނު ސެޕްޓެމްބަރުމަހު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 9538 ފަތުރުވެރިންނެވެ. އަދި ޖުލައިމަހުގެ 15 ވަނަ ދުވަހުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 18867 ކަމަށް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސެޕްޓެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ، ޔޫއޭއީ، އެމެރިކާ، އިނގިރޭސިވިލާތް، އަދި ސްޕެއިން ހިމެނެއެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބު

މިދިޔަމަހު ރަޝިއާއިން 2065 ފަތުރުވެރިން، ޔޫއޭއީއިން 1029 ފަތުރުވެރިން އެމެރިކާއިން 935 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުން 625 ފަތުރުވެރިން އަދި ސްޕެއިންއިން 466 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސެޕްޓެމްބަރ މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެ މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު 696 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެންމެ މަދުން ފަތުރުވެރިން އައީ 16 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 97 ފަތުރުވެރިންކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.