ޚަބަރު

އައްޑޫގައި ހިންގި އޮޕަރޭޝަންގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ސީޕީ


އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް އާއި ސައުތު ޑިވިޝަން ގުޅިގެން އައްޑޫސިޓީގައި މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، މި އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ ނާކޮޓިކްސް ޑްރަގް އަތުލައި ގަނެފައިވާކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ މަސައްކަތާއި، ދިވެހީންގެ އިންޓެލިޖެންސަށް ބިނާކޮށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި، މެރީން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން މަސައްކަތް ކޮށްފައިވާކަން ސީޕީ ހަމީދުގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުމަށް ފުލުހުން މަސައްކަތްކުރާނެކަމަށެވެ. އަދި އައްޑޫގައި ކުރިއަށްދާ މި އޮޕަރޭޝަން ކުރިއަށްދާ ވަރަކުން މިކަމާގުޅުންހުރި ބައިނަލްއަޤްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މި މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވުމަށް ފުުލުހުން މަސައްކަތް ކުރުމުން އޭގައި ތިބި މީހުންވަނީ އެ ތަކެތި އަޅާފައި ހުރި ގޯނިތައް ކަނޑަށް އުކާލާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެތަކެތި ނަގާފައެވެ.