ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.
ރ.ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ޕްލޭނިންގ މިނިސްޓްރީއިން މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މިރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު، ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މަގުތައްވެސް ހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ.
ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ދުވާފަރުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި، ސީއޯއޯ ޝާހިދު ހުސައިން އާއި ޕްލޭނިނގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙުމަދުއެވެެ.
ޕްރޮޖެކްޓްގެ މަސައްކަތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި 12 މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ރަށުގެ މައި 7މަގުގައި ތާރުއަޅާނެކަމަށެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތަށް 37.8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މި މަސައްކަރުގެދަށުން 4960 އަކަމީޓަރުގެ ސަރަޙައްދު ހިނގާމީހުންނަށް ޚާއްސަކޮށްގެން ޤާއިމުކުރުމާއި، 17،790 އަކަމީޓަރު ސަރަޙައްދެއް ދުއްވާ މީހުންނަށް ޚާއްސަކުރާނެއެވެ.
" އަންނަ އަހަރު މެދުތެރޭ މުޅި ޕްރޮޖެކްޓް ނިންމާލެވޭނެ. މަގުހަދާއިރު، ކޭބަލް ހޮޅި އެޅޭނެ އިންތިޒާމާއި، ފެންހިންދާ ނިޒާމާއި، މަގުތަކުގައި ޓްރެފިކް ނިޝާން ޖެހުން ހިމެނޭ." ޢާދަމް އާޒިމް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް އިބްރާޙިމް ނަސީރު ވިދާޅުވި ރަށުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިން އެކިފަހަރު ފެށި ނަމަވެސް އޭރު މަގުތައް ފަރުމާކޮށްފައިވަނީ ރައްޔިތުން އެންމެ ބޭނުންވިގޮތަށް ނޫންކަމަށެވެ. ނަމަވެސް އެމްޓީސީސީއާއި ހަވާލުކޮށް މިދިޔަ އަހަރުގެ ޖޫންމަހުން ފެށިގެން، މަގުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރު މަގުތަކުގެ ކޮލިޓީއާއި ޑިޒައިން ހުރީ ރައްޔިތުން ބޭނުންވިގޮތަކަށެއް ނޫން. އެކަމަކު މިހާރު ރައްޔިރުން ބޭނުންވި ގޮތަށް މުހިންމު ގިނަ މަގުތަށް އިތުރުކޮށް ދެވަނަ ފިޔަވަހީގެ މަސައްކަތް މިފެށުނީ." އިބްރާޙިމް ނަސީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އިސްމާއިލް އަޙްމަދު ވިދާޅުވީ، ރަށުގައި ކުރިއަށްގެންދާ ކޮންމެ މަސައްކަތެއްވެސް ކުރިއަށްދާނި ރައްޔިތުން ބެނުންވާ ބަދަލުތަކާއިއެކު، ރައްޔިތުން އެދޭގޮތަށްކަމަށެވެ. އަދި ސަރުކަރުންދޭ ޔަގީންކަމަކީ ރަށަށް ބެނުންވާ މުހިންމު މަސައްކަތްތައް ރައްޔިރުން ބޭނުންވަގޮތަށަ ކުރިއަށްދިއުންކަމަށެވެ.
"މިދިޔަ 5 އަހަރު މަގުހެދުން އެކަނި މުހިންމު މަސައްކަތަކަށް މި ރަށުގައި ގެންދިޔައީ. ނަމަވެސް ބޭނުންވި ގޮތަކަށް ނޫން. މިރަށުން މި ފެނުނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއިއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކަރުންދޭ އިސްކަން. " އިސްމާއިލް އަޙްމަދު ވިދާޅުވިއެވެ.
ދުވާފަރު މަގު ހެދުމުގެ މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ނިންމުމަށްވަނީ އެއްބަސްވެފައިއެވެ. ފުރަތަމަ ފިޔަވަހިގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެއެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރަނީ ސަރުކަރުން 47 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. %70 މަސައްކަތް ނިމިފައިވާރު މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ މަސައްކަތެވެ.