ޚަބަރު

އައްޑޫސިޓީގައި ކާޅު ނައްތާލުމުގެ މަސައްކަތް ފަށަނީ


ދޮންދީނި ހިމާޔަތް ކުރުމަށް ކާޅު ނައްތާލުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ފަށައިފިއެވެ. މިގޮތުން މިހާރުވަނީ ކާޅު ނައްތާލުމަށް އެކި މުއައްސަސާތަކުގައި އެދިފައި ކަމަށް އެކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެސިޓިއަށް ބަޔަކު ކާޅުތަކެއް ގެންގޮސް ރަށުތެރެއަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ކާޅުތައް، ދޮންދީނި ތަކަށް ހަމަލާދީ މަރަމުންދާ ކަމަށާއި، ޅަ ދޫނިތައް ކައި ހަދަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ދޮންދީނި ނެތިދާނެ ކަމުގެ ބިރު ހީވެފައިވާތީ ކާޅުތައް ނައްތާލާނެ ގޮތުގެ ލަފަޔަކަށް އެދުނީ ކަމަށެވެ. މިގޮތުން ފިޝަރީޒް މިނިސްޓްރީ އާއި އީޕީއޭއަށްވެސް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫގައި މިފަހަކަށް އައިސް ކާޅުތައް އާލާވެ، ދޮންދީނި ތަކަށް ހަމަލާ ދޭ މަންޒަރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހާމަ ކޮށް ، ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

މިމަމައްސަލަ ފެންމަތިވެފައި މިވަނީ އީޕީއޭއިން އައްޑޫގައި، ދޮންދީނިގެ އާބާދީ ބެލުމަށް މިދިޔަ މަހު 30-15 އަށް ކުރިއަށް ގެންދިޔަ މައްސައްކަތަށްފަހުއެވެ. ދޮންދީނި އަކީ ރާއްޖޭގައި ހިފައި ގެންގުޅުން މަނާ އަދި ޙިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. ނަމަވެސް ފަހަކަށް އައިސް އައްޑޫއިން ދޮންދީނި ފެންނަ މިންވަރު މަދު ވެފައިވާ ކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކޮށް، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.