ޚަބަރު

އަނބިމީހާ ރޭޕްކުރި ކުށުގެ ދައުވާ ސާބިތުވެ ޝާހު ޖަލަށް ލާން ޙުކުމްކޮށްފި


ލިބުނު ޖިންސީ އަނިޔާތަކަށް، ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރިކުށުގެ ދައުވާ ސާބިތުވެ އޭނާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހު ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން އުފުލިއެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި، މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި، މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އެއިން އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ދައުލަތުން އެމައްސަލަތައް ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން މިއަދު ވަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރިކަމުގެ ކުށް ޝާހުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަނިޔާ ލިިބުނު މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހައިކޯޓުން އެހުކުމުގެ އިތުރު ތަފްސީލު ހާމައެއް ނުކުރައްވައެވެ.

ރޭޕްގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވެފައިވާއިރު، ދެން ހުރި މައްސަލަތަކުގެ ހުކުމް ހައިކޯޓުން އަދި ނީއްވައެވެ. އެގޮތުން މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާގެ މައްސަލަތަށް ކޯޓުގައި ކުރިއަށްދެއެވެ.

ޒިޔާދާ އާއި ގަދަކަމުން ޝާހު ގުޅުން ހިންގައި، ދިން އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް ޒިޔާދާ ނިޔާވެފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރޭޕްކުރި ކުށުގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ، ހައިކޯޓުގެ ޙުކުމަކީ ކާމިޔާބީއެއްކަމަށާއި، ޝާހުގެ މައްޗަށް އުފުލާފައިހުރި އިތުރު ދައުވާތައްވެސް އޭނާގެ މައްޗަށް ސާބިތުވެ އޭނާ ޖަލަށް ލެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. މިއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމާ ޙުސައިން ޝަމީމް ޙަވާލުވެވަޑައިގެންނެވި ފަހުން ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ ކޭސްއެވެ. މިއީ ޤާނޫނުލްއުޤޫބާތުގެ ދަށުން އަނބިމީހާ ރޭޕް ކުރުމުގެ ކުށުގެ ދައުވާއެއް މީހެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުވެސް މެއެވެ.

ޒިޔާދާގެ މަރާ ގުޅިގެން 2016 ވަނަ އަހަރު ފުލުހުން ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށްފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށާއި، އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަނީ އަނިޔާ ލިބިފައެވެ.