ތަރައްްޤީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖު 1، މާދަމާއިން ފެށިގެން ހުޅުވާލަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖު 1 މާދަމާއިން ފެށިގެން ހުޅުވާލާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް ފަސޭހައިން އަރައި ފޭބުމަށް ތަރައްޤީކުރާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު ހުޅުވާލަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފެށުމާއި ގުޅިގެން އެ ފަރާތްތަކަށް އެ ސަރަޙައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ. އޮކްޓޯބަރު 1 އިން ފެށިގެން ހުޅުވާލުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގާއި ގުޅިފައިވާ ބްރިޖެވެ.

މި ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް އެޗް.ޑީ.ސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައިފޭބުމަކީ މަނާކަމެއް ކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން، އެ ކޯރޕަރޭޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތން ޢަމަލުކުރުމަށްވެސް އެޗް.ޑީ.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫޢުއަށް 5އަހަރު ވިއިރު، ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރު ބިންތަކުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގެ މަސައްކަތް ނިމި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް މަދު އާއިލާތަކަކުން މިހާރުވަނީ ބަދަލުވެފައެވެ. ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވަނީ ފިޔަވަހި އެކެއްގެ ނިރޮޅު މަގާ ގުޅިގެން ފޭސް ދެއަކަށް އަންނަ މަގުތަކަށް ހުރި ގޯތިތަކުގައެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަށްސާއި ދެވަނަ ފިޔަވަހި ގުޅުވާލުމަށް ހަދާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު މާދަމާ ހުޅުވާލާއިރު، މިފަދަ 4 ބްރިޖެއް ތަރައްޤީކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. މެދަށް އުސްކޮށް ފަރުމާކޮށްފައިވާ މި ބްރިޖުތަކުގައި ވެހިކަލްތަކަށާއި ފައިމަގުގައި އުޅޭ މީހުންނަށްވެސް ޚާއްސަ ލޭންތަކެއް ހުންނާނެއެވެ. އަދި ދެ ފޭސްގެ ދެމެދުން ލޮނުގަނޑު ދައުރު ކުރުމަށް ކޯރެއް ހެދުމުގެ މަސައްކަތްވެސް އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.