ޚަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގި ޖަރީމާއެއް- އަދީބު


ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ތުހުމަތުކުރައްވައިފިއެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ.

މި ހަތް ދައުވާއަށް އިޢުތިރާފްވެ މުޅި މައްސަލަ ފެށުނު ގޮތް ޚުލާސާކޮށް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔާދީފައެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު މައްސަލަކަމަށާއި، ދައުލަތަށް އެއްބާރުލުން ދޭން ނިންމެވީ މިމައްސަލަ އިތުރަށް ސާފުވެ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ލިބެންޖެހޭތީކަމަށެވެ. އަދީބު ވިދާޅުވިގޮތުގައި މި މަޢުލޫމާތުތަކަކީ އޭނާ ސާފުކޮށް ނުދެއްވައިފިނަމަ އެނގޭނެ ވާހަކަތަކެއްވެސް ނޫންކަމަށްވެސް އަދީބު ވިދާޅުވިއެވެ.

" މައްސަލައަކީ އަދީބުއާއި އިތުރު ދެތިން މީހަކާއި ހަމައިން އެކަނި ނިންމާލެވޭނެ މައްސަލައެއް ނޫން. އަޅުގަނޑު އެއްބާރުލުން ނުދީފިއްޔާ ބައެއް މަޢުލޫމާތުތަކަކީ އެނގޭނެ މަޢުލޫމާތުތަކެއްވެސްނޫން. ހަމައެހެންމެ އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިދިޔަ ހަތަރު ފަސް އަހަރު ޖަލުގައި ހޭދަކުރިއިރު އަޅުގަނޑު އެކަމާ ވިސްނާ މިކަމާ ހިތާމަކޮށް އަދި މިކަމުގައި ދައުލަތަށް އަޅުގަނޑު އެއްބާރުލުންދީގެން ކުރެވޭނެ ހުރިހާކަމަކަށް އަޅުގަނޑު ވިސްނިން."

އަދީބު ވިދާޅުވީ ކުރީ ސަރުކާރުން މި މައްސަލަ ބެލުމުގެ ބަދަލުގައި މަސައްކަތް ކުރީ އަދީބާއި ދެތިން މީހެއްގެ ބޮލުގައި މައްސަލަ އަޅުވާ ނިންމާލުމަށެވެ. އަދި ގެއްލުނު ފައިސާ ހޯދުމަށްވެސް ރައީސް ޔާމީންގެ ސަރުކާރުން ބޭނުންނުވާކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށާއި، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤްޞާދު ބަދަލުކޮށްގެންކަމަށާއި، އެގޮތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޯށް ރަށްތައް ދިނުންކަމަށެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހުރިހާ މުއާމަލާތެއް ހިންގައިގެންދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުންކަމަށެވެ. އަދީބު ވިދާޅުވީ އެންމެ ފުރަތަމަ އެމްޕީއެލްއިން ފައިސާ ނަގާ ބޭނުންކުރަން ފެށިކަމަށެވެ. އަދި އެކަން އެގޮތަށް ފެށީ އޭރުގެ މަޖިލިސް އިންތިޚާބަށް ފައިސާ ހޯދުމުގެ ގޮތުންކަމަށެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ސްކޭމަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއްކަމަށެވެ. އަދި މިކަން ފެށިީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ބޭރުގެ އެކި ފަރާތަތކުން 200 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށާއި އެ ފައިސާ ލިބުމުން އަނބުރާލާ ގޮތަށް ސަރުކާރުގެ ތަންތަނުން ލާރި ނެގުމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވެ އޭގެއިން މަންފާތަކެއް ހޯދައިފައިވާ ކަމެއްކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާއި އަދި އޭރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި ނެގި އެތައް ވޯޓްތަކަކާއި އެތައް މެންބަރުންނެއް އެފައިސާ ބޭނުންކޮށްފައިވާކަމަށްވެސް އަދީބު ތުހުމަތުކުރެއްވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެތައް ބަޔަކު ވިޔަފާރިތައް ފަށާ މިހާރުވެސް މަންފާ ހޯދަމުން އަންނަކަމަށެވެ. އަދީބު ވިދާޅުވީ އޭނާ ޝަރީޢަތަށް ކިޔައިދޭ ވާހަކަތަކުންނާއި، ދޭ އެއްބާރުލުމުން އެމީހުން ހޯދައި އިންސާފު ޤާއިމްކުރެވި އެފައިސާތައް ދައުލަތަށް ހޯދިދާނެކަމަށެވެ. އެގޮތުން ރައީސ ްޔާމީންގެ އެކައުންޓަށްވެސް ފައިސާ ވަދެފައިވާކެމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައިގެ ތަފްސީލުތައް ހާމަކުރަމުން އަދީބު ވިދާޅުވީ އެއްވެސް ވިޔަފާރީގެ މުއާމަލާތުތަކެއް ނުކުރާ އެސްއޯއެފްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަން ފެށީވެސް ސީދާ ރައީސް ޔާމީންގެ އިރުޝާދާއި އެކުކަމަށެވެ. އަދި އޭރުވެސް ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ކަންކަން ބެލެހެއްޓުމަށް ޤާނުތަކާއި ޤަވައިދުތައް ހުއްޓާ އެ ފައިސާ ކްލިއަރވެ އެކަންޓްތަކަށް ދިޔައީ ރައީސް ޔާމީންގެ އެންގެވުމަށްކަމަށާއި އެހެން ނޫންނަމަ ޤާނޫނީ ގޮތުން ހުރި ހުރަސްތައް ހުރެ އެމްއެމްޕީއާރުސީގެ މައްސަލަ ހިނގާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށްވެސް އަދީބު ވިދާޅުވިއެވެ.

"އެސްއޯއެފްއާއި އެހެން ކުންފުނިތައްވެސް ބޭނުންކުރެވުނީ ރައީސުލޖުމްހޫރއިްޔާގެ އިރުޝާދުގެ ދަށުން. އެފައިސާއައް ވަނީ އެތައް އެކައުންޓްތަކަށް ގޮސްފައި. އެގޮތުން އޭރުގެ ރައީސުލްޖުމްހޫރއިްޔާގެ ސީދާ އެކައުންޓަށް ގޮސްފައިވޭ. ރަށްތައް ކަނޑައަޅާނީ ރައީސް އޮފީހުން، އަގު ނިންމީވެސް ރައީސް އޮފީހުން. އަދި އެމްއެމްޕީއާރުސީގެ ޗެކުތައް ބޭންކުތަކުންނާއި އެމްއެމްއޭއިން ކްލިއަރވަނީ ރައީސް އިރުޝާދަށް. އެހެން ނޫންނަމަ ޤާނޫނީ ގޮތުން ހުރި ހުރަސްތައް ހުރެ އެމްއެމްޕީއާރުސީގެ މައްސަލަ ހިނގާނެ ގޮތެއް ނޯންނާނެ."

ދައުލަތާއެކު އަދީބު ހަދާފައިވާ އިއުތިރާފް އެއްބަސްވުން އެކުލަވާލުމުގައި އެއްވެސް މަޖްބޫރުކަމެއް އޮތީ ގާޒީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ އެއްވެސް މަޖްބޫރެއް ނުވަތަ ގޯސް ނިޔަތެއްވެސް ނެތްކަމަށެވެ. އަދި އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން މައްސަލަތަކަށް ރިޔާއަތްކޮށް އެންމެ ކުޑަ އަދަބު ކަނޑައެޅުމަށްވެސް އަދީބު ވަނީ އެދިވަޑައިގެންފައެވެ.

އަދީބާއި އެކު ހަދާފައިވާ އިއުތިރާފު އެއްބެސްވުމުގެ ދަށުން ހިޔާނާތުގެ ކުށުގެ ދައުވާގެ ތެރެއިން ފުރަތަމ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ހިޔާނާތުގެ އަނެއް ދައުވާގައި އަންނާނީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން އަންނާނީ 5 އަހަރަށް ޖަލަށް ލުމާއި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި މަޤާމު ނުފޫޒުން ބޭނުކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 6 މަހަށް ޖަލަށްލުމެވެ. މަނީ ލޯންޑަރކުރުމުގެ ކުށުގެ ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުގައި ކަނޑައާފައިވަނީ 5 އަހަރުގެ ޖަލު ހުކުމެކެވެ. ރަަްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އަދަބަކީ 6 މަހަށް ޖަލަށްލުމެވެ.

މިއަދުގެ ޝަރޢީަތުގެ މަޖިލީހުގައި އަދީބު ދައުވާތަކަށް އިއުތިރާފުވުމުން، މައްސަލަ ބައްލަވާ ގާޒީ މަސައްކަތް ކުރެއްވީ ދެފަރާތުން އިއުތިރާޒު ނުކުރާނަމަ، އަވަސް ނިޔާއިން މައްސަލަ ނިންމައި ހުކުމް ކުރާށެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރެއެވެ. ނަމަވެސް އަދީބު އިތުރު ފަސް ދުވަސް ދިނުމަށް އެދުމުން ގާޒީ ވަނީ އަންނަ ހޯމަ ދުވަހު ހުކުމް ކުރުން އޮންނޭކަމަށް ވިދާޅުވެ ޝަރީއަތް ނިންމަވާލައްވާފައެވެ. އަދި ހުކުމްކޮށް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ވެސް ގާޒީ އަމުރު ކުރެއްވި އެވެ.