ދުނިޔޭގެ ވިޔަފާރި

ކޯވިޑް ކޮންޓްރޯލްކުރުމުގައި ޓްރަމްޕް ފެއިލްވެއްޖެ- ވިޔަފާރިވެރިން


އެމެރިކާގައި ކޯވިޑް ކޮންޓްރޯލްކުރުމުގައި ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރު ފެއިލްވެފައިވާކަމަށް އެމެރިކާގެ ގިނަ ވިޔަފާރިވެރިން ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވަރސިޓީގެ، ޔޭލް ސްކޫލް އޮފް މެނޭޖްމަންޓްއިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން އެމެރިކާގެ ވިޔަފާރިކުރާ ކުންފުނިތަކުގެ ސީއީއޯއިންގެ ތެރެއިން 55 އިންސައްތަ ސީއީއޯއިން ބުނެފައިވަނީ ކޯވިޑްގެ ކަންކަމުގައި ޑޮނާލްޑް ޓްރަމްޕް ފެއިލްވެފައިވާކަމަށާއި އެމަސައްކަތަށް އޭނާއަށް ދޭނީ "އެފް" އެއްކަމަށެވެ. އަދި 12 އިންސައްތަ ސީއީއޯއިން ބުނެފައިވަނީ ކޯވިޑްގެ ކަންކަން ހައްލުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ދޭނީ "ޑީ"އެއްކަމަށެވެ. ކޯވިޑްގެ ކަންކަމުގައި ޓްރަމްޕް އަމަލުކުރެއްވީ ރަނގަޅަށްކަމަށް ބުނެ، އޭނާއަށް "އޭ"އެއް ދީފައިވަނީ ދިރާސާގައި ބައިވެރިވި ސީއީއޯއިންގެ ތެރެއިން އެންމެ 6 އިންސައްތަ ސީއީއޯއިންނެވެ.

ކޯވިޑް ކޮންޓްރޯލްކުރުމުގައި ޓްރަމްޕް ފެއިލްވެފައިވާކަމަށް އެމެރިކާގެ ގިނަ ވިޔަފާރިވެރިން ބުނެފައިވާއިރު، ގިނަ ވިޔަފާރިވެރިން ބޭނުންވަނީ އެމެރިކާގެ ޒަޢާމަތަށް އެހެން ވެރިޔަކު އައުމަށެވެ. އެގޮތުން ދިރާސާގައި ބައިވެރިވި 77 އިންސައްތަ ސީއީއޯއިން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ތާޢީދުކުރާނީ ޓްރަމްޕްއާ ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް، ޖޯ ބައިޑަންއަށް ކަމަށެވެ.

ވިޔަފާރިވެރިންގެ ބޮޑު ނުރުހުމެއް ޓްރަމްޕަށް އަމާޒުވެފައިވާ މައިގަނޑު ސަބަބަކީ ވިޔަފާރީގެ މައްސަލަތަކުގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން އެކި ޤައުމުތަކާއެކު އެމެރިކާ ސަރުކާރުން ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ.