ވިޔަފާރި

އިހަވަންދިއްޕޮޅުގައި އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލަނީ


އިހަވަންދިއްޕޮޅުގައި އިންވެސްޓްކުރުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ހުޅުވާލުމަށް ޓުއަރިޒަމް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ޒަމާންތަކެއް ވަންދެން އިންތިޒާރުކުރި އަދި އުއްމީދުން ފުރިގެންވާ އައު އިންވެސްޓްމަންޓް ފުރުސަތުތަކެއް އިހަވަންދިއްޕޮޅަށް އިޢުލާންކުރަން ހަމަޖެހިފައިވާކަމަށެވެ. މި އިންވެސްޓްމަންޓް ފުރުސަތު އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހުކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު އިހަވަންދިއްޕޮޅު ސަރަހައްދުގައި އިންވެސްޓްކުރަން ފުރުސަތު ހުޅުވާލާނެކަމަށެވެ. އެއީ ކޮންތަނެއްކަމާއި، މި އިންވެސްޓްމަންޓާއި ގުޅޭ މައުލޫމާތު އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު ހާމަކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އިހަވަންދިއްޕޮޅަކީ އިންވެސްޓްކުރަން ރަނގަޅު ސަރަހައްދެއްކަމަށެވެ. އެގޮތުން އެ ސަރަހައްދަކީ ދަތުރުފަތުކުރުމަށްވެސް ފަސޭހަ ސަރަހައްދެއްކަން ފާހަގަކޮށް، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން 50 މިނެޓުން އަދި ހޯރަފުށި އެއަރޕޯޓުން 15 މިނެޓުން މި ސަރަހައްދަށް ދެވޭނެކަމަށް ވަނީ ބުނެފައެވެ.

މިދިޔަ ސަރުކަރުގައިވެސް އިހަވަންދިއްޕޮޅުގައި "އައިހަވަން" ގެ ނަމުގައި ވަނީ ތަރައްޤީގެ ޕްރޮޖެކްޓެއް އިއުލާންކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ދައުރު ނިމުނުއިރުވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.