ހއ. އުލިގަމުގައި ސިޓީހޮޓާ ތަރައްޤީ ކުރުުގެ މަސައްކަތް އަންނަމަހު އަލުން ފަށައިގަނެވޭނެކަމަށް ، ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި އޮންލައިން ބައްދަލުވުމުގައެވެ.
މިނިސްޓަރު ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް އަންނަ އޮކްޓޯބަރު 4 ވަނަ ދުވަހު އަލުން ބިޑަށް ހުޅުވާލުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
މި ބައްދަލުވުމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް ޢިމާދު ޢަބުދުﷲ ވިދާޅުވީ، ބައްދަލުވުމުގައި މިނިސްޓަރު ދެއްވި މަޢުލޫމާތާއެކު ސިޓީހޮޓާ ތަރައްޤީ ކުރަން ފެހި ސިގްނަލް ލިބި ، އުންމީދު އައު ވެއްޖެ ކަމަށާއި، އުލިގަމު ސިޓީ ހޮޓާމަޝްރޫޢާއި، އެރަށުގެ ޔޮޓް މެރީނާ މަޝްރޫޢުއަކީ ރަށްޔިތުންގެ 12 އަހަރުގެ އުންމީދެއް ކަމަށެވެ.
އުލިގަމު ކައުންސިލުން ވަނީ އެރަށުގެ ބަނދަރަށް އަންނަ ޔޮޓު ފަހަރުގެ ޢަދަދު އިތުރު ކުރުމަށް ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލު ތަކެއް ހޯދާފައެވެ. މީގެ އިތުރުން އުލިގަމު ކައުންސިލުން ވަނީ، އެރަށަށް އަންނަ ޔޮޓް ފަހަރުން ނަގަމުންއައި ފީތަށް ބޮޑު ވުމާގުޅިގެން ރައްޔިތުންގެ މަޖްލިހުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އެއަށްފަހު މިފަދަ އުޅަނދުފަހަރުން ނަގާ ފީތައް 75 އިންސައްތަ ދަށްކޮށްފައިވެއެވެ.
އެމްޓީޑީސީން ތަރައްޤީ ކުރުމުގެ މަސައްކަތްފެށި އުލިގަމު ސިޓީ ހޮޓާ މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ސްޓާފް އެކޮމަޑޭޝަންގެ މަސައްކަތާއި 25 ގެސްޓް ރޫމް އިމާރާތްކޮށް ވަނީ ނިންމާފައެވެ.