ޚަބަރު

ރައްޔިތުންނަށް މުހއިްމުނަމަ އިސްތިސްނާކޮށްފައިވާ މަޢުލޫމާތުވެސް ހާމަކުރޭ- އިންފޮރމޭޝަން ކޮމިޝަނަރ


ރައްޔިތުންނަށް މުހިންމުވާފަދަ ހާލަތްތަކުގައި، ޤާނޫނު އަސާސީގައި އިސްތިސްނާކޮށްފައިވާ މަޢުލޫމާތުތައްވެސް ހާމަކުރަމުން ގެންދިޔުމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ އިލްތިމާސްކުރައްވައިފިއެވެ.

އޭނާ މިފަދައިން އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްވަކަމުން ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ދަޢުލަތުގެ އިދާރާތްތަކުން އެއިދާރާއެއްގައި ރައްކާކޮށްފައިވާ ރައްޔިތުންނާ ގުޅޭ މަޢުލޫމާތުތައް ހާމަކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ބަޔަކު މަޢުލޫމާތަކަށް ނޭދުނުކަމުގައި ވީނަމަވެސް ރައްޔިތުންނާ ގުޅުން ހުރި މަޢުލޫމާތުތައް ވީއެންމެ އަވަހަކަށް ހާމަކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މައުލޫމާތު ހާމަކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް ކޯވިޑް-19 ގެ މިހާލަތުގައިވެސް މަޢުލޫމާތު ހޯދާ ލިބިގަތުމުގެ މުޙިއްމުކަން ހާމަވެގެން ގޮސްފައިވާކަން ފިޔާޒު ފާހަގަ ކުރެއްވިއެވެ.

" މައުލޫމާތުތައް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ ސަބަބުން ރައްޔިތުން މަޢުލޫމާތު ހޯދުމަށް ކުރިމަތިވާ ދަތިތައް ތަހައްމަލު ކުރަންނުޖެހޭނެ. ފަސާދައާއި ކަރަޕްޝަނަކީ ރައްޔިތުން ކަންބޮޑުވާކަންކަން. ކޮންމެ އިދާރާއެއްގައިވެސް ޒިންމާއެއް އެއީ މަޢުލޫމާތު ފޯރުކޮށްދިނުން" އިންފޮރމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވިއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ތަޖުރިބާތައް މާލަހެއް ނުވެ ކުރެވެންފަށާނެކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މަޢުލޫމާތު ލިބުމުގެ ޙައްގު ނުލިބި ހަޤީޤީ ޑިމޮކްރަސީއެއް ތަޖުރިބާ ނުކުރެވޭނެ ކަމަށެވެ.
އަދި މަޢުލޫމާތު ހޯދައި ލިބިގަތުމަށް ރާއްޖޭގައި އެކުލަވާލާފައިވާ ޤާނޫނަކީ ފުރިހަމަ ޤާނޫނެއް ކަމަށްވީނަމަވެސް އޭގެ ފައިދާ ލިބޭނީ ސުވާލު ކުރާ ރައްޔިތުންތަކެއް އުފެދި މައުލޫމާތު ދޭން އިދާރާތަކުން ވެސް މަސައްކަތްކޮށްގެން ކަމަށެވެ. އަދި އެ ޤާނޫނާއެކު ރާއްޖޭގައި ކުރިން އޮތް މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް ނެތުމުގެ އުންމީދު އާވިކަން ޝިއުނާ ފާހަގަކުރެއްވިއެވެ. ޝިއުނާ ވަނީ ބައެއް އިދާރާތަކުން އަދިވެސް މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ގެންގުޅޭ ކަމަށް ފާހަގަކުރައްވާ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.