ޚަބަރު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަކީ ދައުލަތް ޖަވާބުދާރީކުރުމުގެ ބިންގާ: ބަންޑާރަނައިބު


މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤަކީ ޖަވާބުދާރި ކުރަނިވި ދައުލަތެއްގެ ބިންގާކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކުރުމަށް ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު ވިދާޅުވީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ މިޒަމާނުގައި މަޢުލޫމާތަކީ އެންމެ އަގުބޮޑު ރައުސުލްމާލުކަމަށާއި، އެއީ އެންމެ ބާރުގަދަ ހަތިޔާރުކަމަށެވެ. ބަންޑާރަނައިބުގެ ވާހަކަފުޅުގައި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބުމަކީ ކޮންމެ މީހަކަށް ލިބިގެންވާ މިނިވަންކަމެއްކަން ފާހަގަކުރައްވާ ވަނީ އެކަން ޤާނޫނު އަސާސީންވެސް ކަށަވަރުކޮށްދީފައިވާ ކަމެއްކަމަށްވެސް ވިދާޅުވެފައެވެ.

"މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤަކީ ޖަވާބުދާރީ ކުރަނިވި ދައުލަތެއްގެ ބިންގާ. އިންފޮމޭޝަން ޓެކްނޮލޮޖީގެ މިޒަމާނުގައި މަޢޫލޫމާތަކީ އެންމެ އަގުބޮޑު ރައުސުލްމާލު. އަދި އެންމެ ބާރުގަދަ ހަތިޔާރުވެސްމެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބުމަކީ ކޮންމެ މީހަކަށް ލިބިގެންވާ މިނިވަންކަމެއް. އަދި އެކަންވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައި. އެމިނިވަންކަން ބޭނުންކުރަންވީ ފަރުދުންގެ ހައްގުގައި. ޤައުމީ މަސްލަހަތުގައި. އެންމެންގެ ހެވާއިލާބައަށްޓަކައި." ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވިއެވެ.

މިއަދު އިފްތިތާޙުކުރި އައު ވެބްސައިޓުގެ ސަބަބުން ޤާނޫނީ ފަންނުގެ ދާއިރާ އާއި، ބަންޑާރަ ނާއިބުގެ އޮފީހުން ފޯރުކޯށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ހިމެނޭނެކަމަށް އެއޮފީހުން ވިދާޅުވެއެވެ. އެގޮތުން ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެފަދަ މާލީ ތަނަވަސްކަމެއްނެތް މީހުންނަށް ދައުލަތުން ވަކީލުން އައްޔަނުކޮށްދިނުމުގެ ޚިދުމަތާއި އެނޫންވެސް ގިނަ މަޢުލޫމާތުތަކެއް ލިބޭނެކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ކުރީގެ ބަންޑާރަނައިބު އަދި ބާ ކައުންސިލްގެ ނައިބުރައީސް ޢަބްދުﷲ މުޢިއްޒުއެވެ.