ޚަބަރު

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކައި އިތުރަށް މަސައްކަތް ކުރަންޖެހޭ - ޠައްޔިބު


ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކައި އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޠައްޔިބު މިހެން ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެތެރެއިން ދެވަނަ ފަހަރަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން "މޯލްޑިވްސް ބޯޑަރ މައިލްސް" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވުނުނަމަވެސް ހިތްހަމަޖެހޭވަރަށް އެމަސައްކަތް އަދި ނުކުރެވޭކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމުން އަރައިގަނެ މިސިނާޢަތު އަލުން ކޮޅަށްޖެހުމަށްޓަކައި މަސައްކަތް ކުރަންޖެހޭކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލް އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރުމުންދާކަން ފާހަގަކޮށް ޠައްޔިބުވަނީ އެ މަސައްކަތުގެ ހެޔޮ ނަތީޖާވެސް ކައިރި މުސްތަޤްބަލެއްގައި ފެންނާނެކަމަށް ވިދާޅުވެފައެވެ.

"ރަށްފުށު ފަތުރުވެރިކަމުގެ ތަފާތު ބާވަތްތައް އާލާކޮށް ދިރުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ. ފަތުރުވެރިކަމުގެ އެހެން ކަންކަންކަން އިސްތިހާރު ކޮށް ޕްރޮމޯޓް ކުރާފަދައިން ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމަށްވެސް މަސައްކަތް ކުރަންޖެހޭ." މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ މިދޔަ ޖުލައި މަހުގެ 15ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއެކު ފަތުރިވެރިކަމުގެ ދާއިރާ ކުރިއަރުވައި އިސްތިހާރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި ކުރިއަށްވުރެވެސް ބާރު ސްޕީޑެންގައި އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖެއަކީ ފަތުރިވެރިންގެ މެދުގައި މަޤުބޫލް އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކާދިނުމަށްޓަކައި "މޯލްޑިވސް ބޯޑަރ މައިލްސް" ޕްރޮގްރާމަކީ މިކަމަށްމަށް ލިބުނު އިތުރު ހިތްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިހަތަނަށް 17000 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ.