ވަޅުޖެހި، އިނދަޖެހިފައި އޮތް ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޯށް، ދިވެހި ފުޓުބޯޅަ އޭގެ އަސްލު މަގާމަށް ވާސިލްކޮށްދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގައި އުފައްދަން ނިންމާފައިވާ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމްކުރާނެ ރަށްތައް ކަނޑައަޅައިފިއެވެ.
ފުޓުބޯޅައިގެ ބޭނުމަށް އެފްއޭއެމް އިން ވަނީ ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފައެވެ. އެއީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަންއެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ މި ބަދަލާ އެއްގޮތަށް، ހަތަރު ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަން އުފައްދަން ނިންމާފައިވާއިރު އެ އެސޯސިއޭޝަންތަކަކީ، ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަލް ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ.
މީގެތެރެއިން ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރަން ނިންމާފައި ވަނީ ހއ. ދިއްދޫގައެވެ. ސެންޓްރަލް ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އދ. މަހިބަދޫގައި ޤާއިމްކުރާއިރު މާލޭ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރާނީ މާލޭގައެވެ. އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރަނީ ލ. ގަމުގައެވެ.
މީގެއިތުރުން، އެފްއޭއެމް ޑިވެލޮޕްމަންޓް އޮފީހެއް، ބ. އޭދަފުށީގައި ޤާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ.