ތިމާވެށި

ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލުތަކާއި ގުޅޭ ވޯކްޝޮޕެއް ފަށައިފި


ކަނޑުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަށް ކުރިއަށް ލަފާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ކަމާއިގުޅޭ އިދާރާތަކަށް މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ. މި ވޯކްޝޮޕް ކުރިއަށްގެންދަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، މެޓް އޮފީހާއި ރީޖަނަލް އިނަޓަރގްރޭޓެޑް މަލްޓި ހެޒަރޑް އާލީ ވޯނިންގ ސިސްޓަމް ފޯ އެފްރިކާ އެންޑް އޭޝިޔާ، (ރައިމްސް) އާއި އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސް (އިންކޮއިސް) ގުޅިގެންނެވެ. މެޓް އޮފީހާއި ރައިމްސްގެ އިތުރުން އިންކޮއިސް ގުޅިގެން، އޯޝަން ސްޓޭޓް ފޯކާސްޓް ސާވިސަސް ފޯ މޯލްޑިވްސްގެ ނަމުގައި، މެޓްއޮފީހުގެ ބޭނުމަށް ވެބްޕޭޖެއްވެސް ވަނީ އިފްތިތާހް ކޮށްފައެވެ. މިއަދު ފެށުނު ވޯކްޝޮޕްގެ ތެރެއިން މި ވެބްޕޭޖަށް މެޓްއޮފީހުގެ މުވައްޒަފުން އަހުލުވެރި ކުރުވުންވެސް ހިމެނޭނެ ކަމަށް އެއޮފީހުން މަޢުލޫމާތުދެއެވެ. މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކްލައިމެޓޮލޮޖީ ޑރ. ޒާހިދު ވިދާޅުވީ މި ވޯކްޝޮޕް ގައި މެޓްއޮފީހުގެ މުވައްޒަފުންގެ އިތުރުން އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ ބޭފުޅުންވެސް ބައިވާ ކަމަށެވެ. މީގެ އިތުރުން އިފްތިތާހް ކޮށްފައިވާ ވެބް ޕޭޖާއި މިހާރުވެސް މެޓް އޮފީހުން އެއްކުރާ މަޢުލޫމާތުގެ އެހީގައި ކަނޑުގެ ދިޔަވަރާއި އޮއިވަރަށް އަންނާނެ ބަދަލުތަށް ކުރިއަށް ލަފާކުރުމުގައި ފަސޭހަވެ، މެޓްއޮފީހުން ފޯރުކޮށްދޭ މަޢުލޫމާތުގެ ސައްހަކަން އިތުރުވެގެންދާނެކަމަށްވެސް ޑރ. ޒާހިދު ވިދާޅުވިއެވެ.މެޓްއޮފީހުގެ އުންމީދަކީ އަލަށް އިފްތިތާހު ކުރެވުނު ވެބް ޕޭޖުން ލިބިދޭ މަޢުލޫމާތުތަށް އިތުރަށް ފުޅާކުރެވި ކޯސްޓްގާޑުގެ އޮޕަރޭޝަން ތަކުގައި ބޭނުންކުރެވިގެން ދިއުން ކަމަށްވެސް އެ އޮފީހުން މަޢުލޫމާތުދެއެވެ.