ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައީސްގެ ތަހުނިޔާ


ކޯވީޑް-19އާއެކު ދިމާވި ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރާ މިދަނޑިވަޅުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، އެސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ކޯވިޑް19އާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ދެމަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ސޯޅަ ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ. ފާއިތުވި 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރައި، މި ސިނާއަތްވެފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަށެވެ.