ޚަބަރު

ކަރަންޓީންގެ އައު އުސޫލު ކަނޑައެޅީ ޓޫރިޒަމް މިނިސްޓްރީގެ ލަފަޔާއިއެކު: އެޗްޕީއޭ


ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީން ވާންޖެހޭ އުސޫލު އެކުލަވާލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މަޝްވަރާގެ މަތިންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދަތުރުފަތުރުކުރުމުގައި ކަރަންޓީނުކުރުމާއި ކަރަންޓީންކުރުމުގައި ޢަމަލުކުރާނެ އުސޫލު އިސްލާޙުކޮށް ގެނައި ބަދަލާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ މިއުސޫލު އެކުލަވާލުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި މަޝްވަރާކޮށްފައި ވާނެކަމަށެވެ. ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުގެ ތެރޭގައި މިވަގުތު ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށްރަށުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ދިނުމަށް ސަރުކާރުންވަނީ ނިންމަވާފއެވެ.

މިކަން ޢިއުލާންކޮށްފައިވަނިކޮށް އެކުލަވާލި މިއުސޫލާއެކު ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓޫރިޒަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މިއުސޫލު ބަދަލުކުރަންޖެހޭކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ގިނަ ރަށްރަށަކީ ގެސްޓް ހައުސް ވިޔަފާރި އޮންނަ ރަށްރަށްކަން ފާހަގަކޮށް ބައެއް ފަރާތްތަކުންވަނީ އެފަދަ ރަށެއްގައި މެޑިކަލް އެމަރޖެންސީގެ ޙާލަތުގައިވެސް ކަރަންޓީން ވާންޖެހޭތޯ ސުވާލު އުފައްދާފައެވެ.

ކޯވިޑްލ-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ދަތުރުފަތުރުކުރުމުގައި ކަރަންޓީންކުރުމާއި ކަރަންޓީންކުރުމުގައި ޢަމަލުކުރުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލު އިސްލާޙުކޮށްފައި ވާއިރު އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ގެސްޓްހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭ ގޮތަށްވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭގެ އުސޫލުގައިވަނީ ގެސްޓްހައުސް ހުންނަ ރަށްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން މެދުނުކެނޑި އަންނަ ރަށްރަށްކަމުން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށްރަށުގެ ޢާއްމުންނާއި ގިނައިން ދިމާވާނެ ބަޔަކަށްވާތީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް މިއުސޫލުގައި ވެއެވެ. އެހެންކަމުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން އެހެން ރަށަކަށްދާނަމަ މިހާރުވެސް ޢަމަލުކުރަމުން އަންނަ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ "ރަށްރަށުގައި ގޭގައި ކަރަންޓީންވުމުގައި ޢަމަލުކުރަންވީ އުސޫލު"ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އުސޫލަށް އަލަށް ގެނެވުނު ބަދަލާއެކު މީހަކު ޝުޢޫރުފާޅުކޮށްފައި


ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދަތުރުފަތުކުރުމުގައި ކަރަންޓީންވުމާއި ގުޅޭ އުސޫލު، ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުން ރަށްރަށަށް ދިޔުމުގައި އަދި ކޯވިޑް-19ގެ ނުރައްކާ މިހާރު އެންމެ ބޮޑު، ވެރިރަށް މާލެއިން ރިސޯޓުތަކަށް ދިޔުމަށްވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭގޮތަށް ވަނީ އިސްލާޙުކޮށްފައެވެ.

މީގެތެރޭގައި އަދި އޮޕަރޭޓްކުރަން ނުފަށާ އެހެންނަމަވެސް ރިސޯޓު ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ރިސޯޓުތަކުންވެސް މި އުސޫލަށް ޢަމަލުކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢުތެރޭގައި ބަލި އުޅޭކަމަށް އެޗްޕީއޭއިން ކަނޑައަޅާ ރަށަކުން އެހެންރަށަކަށް ދަތުރުކުރާނަމަވެސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭގޮތަށް އުސޫލަށްވަނީ ބަދަލުގެނެސްފައެވެ.

މިއުސޫލާއެކު ޢާއްމުންގެ ކަންނބޮޑުވުން އިތުރުވެފައިވާއިރު ކޯވިޑް-19އާއި ގުޅިގެން މާލެއަށް ނާދެވޭ ޙާލަތުގައި އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްތައް ދެމުން އަންނަނީ އަތޮޅުތަކުގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކުންނެވެ. މިއާއެކު އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ޚިދުމަތް ފުޅާވެ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.