ވިޔަފާރި

އުރީދޫއިން އެއަރޕޯޓުގައި ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ދޭން ފަށައިފި


ފަތުރުވެރިންނަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތްދޭން ފަށައިފިއެވެ.

އުރީދޫއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބެހެއްޓި މި ކިއޮސްކުން ފަތުރުވެރިން ރާއްޖެ އައުމަށްފަހު ވަގުތުން ސިމް ކާޑް ނެގޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސެލްފް ސަރވިސިންގް ކިއޮސްކް އިފްތިތާޙްކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މި ކިއޮސްކްގެ ޚިދުމަތް ފަށްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓަރ ވަނީ މި މެޝިން މަސައްކަތް ކުރާގޮތާއި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމާއި ގުޅޭގޮތުން މި ޚިދުމަތް ތަޢާރަފްކުރި އުރީދޫގެ އިސްވެރިންނާއި މަޝްވަރާކުރައްވާފައެވެ.

އަލަށް ތަޢާރަފްކުރި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ މިޚިދުމަތުގެ ސަބަބުން ފަތުރުވެރިން ސިމްކާޑް ހޯދުމަށްކުރާ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެންދާނެކަމަށެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރަނީ ޔޫސަރ ފްރެންޑްލީ އިންޓަފޭސްއެއްކަމުން ފަތުރުވެރިންނަށް އުނދަގުލަކާއި ނުލާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޚިދުމަތް ލިބޭނެކަން ނިޔާޒް ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު މެޝިންތައް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި ބަހައްޓާ ޚިދުމަތް ދިނުމަކީ އަމާޒެއްކަމަށް އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ ވިދާޅުވިއެވެ.

"މިއަށް ބޭނުންވާނީ ޕާސްޕޯޓާއި ކްރެޑިޓް ކާޑް ދެން ސޮއި. ވަރަށް ސިމްޕަލް އަދި އެފިޝަންޓް. 24 ގަޑިއިރު މި ކިއޮސްކުން ޚިދުމަތް ދިނުމަކީވެސް މީގެ ޙާސިއްޔަތެއް" ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ، މިއީ ދުނިޔޭގެ މަދު އެއަރޕޯޓަކުން ލިބެން ހުންނަ ޚިދުމަތެއްކަމުން އުރީދޫއިން ފެށި މި ޚިދުމަތުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި އަވަސްވާނެކަމަށެވެ. އަދި ކޯވިޑް-19ގެ މި ނާޒުކު ޙާލަތުގައި ކޮންޓެކްޓްވުން ކުޑަކުރުމަށް މި ޚިދުމަތުގެ ސަބަބުން އިތުރު ބާރެއް ލިބޭއިރު، މިފަދަ ޚިދުމަތްތަކުން ބަލި ކޮންޓްރޯލްކުރަންވެސް ފަސޭހަވާނެކަން ތައްޔިބް ވިދާޅުވިއެވެ.

"އުރީދޫއިން އަނެއްކާވެސް ފަސްޓް އޮފް އިޓްސް ކައިންޑް ޚިދުމަތެއް މިފެސީ. ވަރަށް ވަގުތު ސަލާމަތްވާނެ. ކޮންޓެކްޓްލެސް ވީމަ އަދިމިކަން އިތުރަށް ފުރިހަމަވެގެން މިދަނީ އެހެންނޫންތޯ" ތައްޔިބް މުހައްމަދު ވިދާޅުވިއެވެ.

އުރީދޫއިން ބެހެއްޓި ސެލްފް ސަރވިސް ކިއޮސްކް ބަހައްޓާފައި ހުންނަނީ ވީއައިއޭގެ އިންޓަނޭޝަނަލް ޓަރމިނަލްގެ އެރައިވަލް ގޭޓް ކުރިމަތީގައި ހުންނަ ރިސޯޓް ކައުންޓަރުތައް ކައިރީގައެވެ.