ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް: ކޯވިޑްއަކީ ސިނާއަތަށް ކުރިމަތިވި ބޮޑު އިމްތިޙާނެއް


1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހެވެ. މިދިޔަ އަހަރުތަކުގައި ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދާއިރު، މިއަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން މިޖެހެނީ މީގެކުރިން ކުރިމަތިލާފައިނުވާފަދަ ޙާލަތެއްގައި ދުނިޔޭގެ ފަތުރުވެރިކަން އޮތްވައެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ މުޅި ދުނިޔޭގައި ވަކި ހިތްޕާލާފައިވާއިރު، މި ނުރައްކާތެރި ވައިރަހުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ދާއިރާއަކީ 21 ވަނަ ޤަރުނުގައި އެންމެ ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ސިނާއަތެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ޤައުމުތަކަށް އެތެރެވުމާއި ބޭރުވުން މަނާކުރުމާއެކު، މި ދެންނެވި ފަތުރުވެރިކަމުން ފައިދާ ލިބިގަންނަމުންދިޔަ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި މިނޫނަސް އެހެނިހެން އައުޓްލެޓްތައް ބަންދުކުރަންޖެހުނެވެ. އެތައް ކުންފުންޏެއް ދަރަނިވެރިވެ ބަނގުރޫޓުވިއެވެ. އަދި މި ތަންތަނުގައި މަސައްކަތްކުރަމުންދިޔަ ގިނަ މުއައްޒަފުންތަކެއް ވަޒީފާއެއް ނެތި މަގުމަތިވާންޖެހުނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މި ބަލިމަޑުކަމުގެ ސަބަބުން މި ދާއިރާގެ 120 މިލިއަން ވަޒީފާ ވަނީ ގެއްލިފައެވެ. އަދި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ދާއިރާއަށް 1 ޓްރިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އިދާރާ، ޔޫ.އެން.ޑަބްލިއު.ޓީއޯގެ ޓުއަރިޒަމް ބެރޯމީޓަރއިން ދައްކާގޮތުން މިދިޔަ އަހަރާއި އަޅާކިޔާއިރު މިއަހަރުގެ މެއިމަހު ބައިނަލްއަޤްވާމީ ފަތުރުވެރިކަން ވަނީ 98 އިންސައްތަ އަޑިއަޅާލާފައެވެ. މިއަދަދު އަހަރުގެ ކުރީކޮޅު އުޅުނީ 56 އިންސައްތާގައެވެ. ތަފާސް ހިސާބުތަކަށް އެކަނި ބަލާލިކަމުގައި ވީނަމަވެސް، ފަތުރުވެރިންގެ ނިސްބަތް ނުވަތަ މިދިޔަ އަހަރާއި އަޅާބަލާއިރު ފަތުރުވެރިންގެ އަދަދު މިވަނީ 300 މިލިއަނުން ދަށަށް ގޮސްފައެވެ. މިއީ އާމްދަނީން ބަލާނަމަ 320 ބިލިއަން ޑޮލަރުގެ މަދުވުމެކެވެ. މިއާއެކު ކޯވިޑް-19ގެ ސަބަބުން މި ދާއިރާއަށް ކުރި ގެއްލުން 2009 ވަނަ އަހަރުގެ އިޤްތިޞާދީ ކާރިސާއަށްވުރެ 3 ގުނަ ބޮޑުކަން ހާމަވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވާހަކަދައްކާއިރު، މި ބަލިމަޑުކަމުގައި އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރި އެއަރަލައިން އިންޑަސްޓްރީގެ ވާހަކަ ދައްކާނުލާ ދޫކޮށެއް ނުލެވޭނެއެވެ. މި ބަލިމަޑުކަމުގައި ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރުމުން އެންމެ ބޮޑު ނޭދެވޭ އަސަރުކުރީ މިދެންނެވި އެއަރލައިންތަކަށެވެ. އެގޮތުން ގިނަ އަދަދެއްގެ ލޯ ކޯސްޓް އެއަރލައިންތައް ބަނގުރޫޓުވެ ބަންދުކުރަން މަޖުބޫރުވިއެވެ. އަދި ބޮޑެތި އެއަރލައިންތަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެތައް މުވައްޒަފުންނެއް ވަޒީފާއިން ކަނޑާލުމަށްވެސް މަޖުބޫރުވިއެވެ. މިދާއިރާއަށް 395 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމާއި މިއަހަރުގެ ތެރޭ ކުރިމަތިލާން ޖެހޭނެކަން މަޞްރަޙު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރެއެވެ.

މިހާހިސާބުން ނިމުނީކީ ނޫނެވެ. ކޯވިޑްގެ ސަބަބުން ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ބޯޑަރުތައް ހުޅުވާލުމުން ކުރިމަތިވީ އިތުރު އިމްތިޙާނަކާއެވެ. އެއަރލައިންތަކާއި ރިސޯޓްތައް އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން އޮޕަރޭޓްކުރަން ޖެހުނީ ހަރުކަށި ގައިޑްލައިންތަކާއެކުއެވެ. މި ސަބަބަށްޓަކައި ރިކަވަރީ ރޭޓް ވަނީ ލަސްވެފައެވެ. އެގޮތުން އެއަރލައިންތަކުން ފަތުރުވެރިން އުފުލާ އަދަދު ކުރިން ހުރި ވަރަށްވުރެ 50 އިންސައްތަ މަދުވެފައިވާއިރު، އަންނަ އަހަރުވެސް މިކަން ހަމައަކަށް ނޭޅޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މި ކާރިސާގެ ސަބަބުން އަންނަ އަހަރުވެސް އެއަރލައިން އިންޑަސްޓްރީއަށް 90 ބިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދަތި ހާލަތުގައިވެސް ފަތުރުވެރިކަން ނުހުއްޓި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެކަން ޤައުމުތަކުން ވަނީ ދައްކައިދީފައެވެ. މިކަން ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖްގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާތާ މިއަހަރަށް 40 އަހަރު ފުރޭއިރު، މިއަހަރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލް ގޮވާލެއްވިއެވެ. އެގޮތުން ތަރައްޤީނުވާ ސަރަހައްދުތަކުގައިވެސް ފަތުރުވެރިކަން ތަރައްޤީކޮށް، އެސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުން މިއަހަރުގެ ޝިއާރަކަށް ހެދީވެސް މި ސަބަބަށްޓަކައިކަން އޭނާ ފާހަގަކުރެއްވިއެވެ. ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިފަދަ ތަންނަށް ފަތުރުވެރިކަން ފުޅާކުރާއިރު އެތަންތަނުގެ އަމިއްލަވަންތަކަން ނުގެއްލޭގޮތަށް އާސާރުތައް ހިމާޔަތްކޮށްގެން މަސައްކަތްކުރުމަށްވެސް ގޮވާލާފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާގެ ސެކްރެޓްރީ ޖެނެރަލް ވިދާޅުވި ފަދައިން އަޅުގަނޑުމެންނަށް ކުރިމަތިވެފައިމިވާ ދަތި ޙާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަންޖެހެއެވެ. އައު ހިތް ވަރަކާއެކު މަސައްކަތް ކުރަންޖެހެއެވެ. އައު ގޮތްތަކުން އަވަސް ކުރިއެރުމެއް ހޯދުމަށް މަސައްކަތްކުރުމަކީ މިއަދު މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމާޒު ހިފާފައިވާ މަގެވެ.