ޚަބަރު

ވިއްސާރައިގައި ފޭދޫގެ 70ގެއަށް ގެއްލުންވި


  • އެންމެ ބޮޑަށް ގެއްލުންވީ ފޭދޫގެ ގެތަކަށް

  • 1ގޭގައި މީހުން ދިރިނޫޅެވޭވަރަށް ގެއްލުންވި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ 70ގެއަށް ގެއްލުންވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ފާއިތުވި 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރުކޮށް، ފެންބޮޑުވުމުގެ ހާދިސާތައް ދިމާވެފައިވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންޑީއެމްއޭއިން ވިދާޅުވީ މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުން އެބަދެއެވެ. އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. މި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިމަހުގެ 11، 12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ރާއްޖޭގެ ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބި ދަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން ވިއްސާރައިގައި އައްޑޫސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވެއެވެ. މި ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެތީ ސަމާލުވުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ޢިލްތިމާސްކުރައްވައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.