ވިޔަފާރި

ފަތުރުވެރިކަމަށް ކުރިމަތިވި ހިތްދަތި އަހަރު ނިމެނީ އުއްމީދުން


މިފަހުން މުޅި ދުނިޔެއަށްވެސް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާއަކީ ކޯވިޑް19 ގެ ބަލިމަޑުކަމެކެވެ. ކޯވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ވަނީ އަނދަވަޅަކަށް ވެއްޓިފައެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިން ނުލިބޭފަދަ ބޮޑު ހީނަރުކަމެއް ކޯވިޑް19 ގެ ސަބަބުން ވަނީ ލިބިފައެވެ. ފަތުރުވެރިކަމުގައި ދުނިޔޭގައި މަޤްބޫލު އެހެން ގައުމުތަކަށްވެސް ކޯވިޑް19 ގެ ސަބަބުން ވަނީ ފޫބައްދަން އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ.

1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށިފަހުން ދުވަހަކުވެސް މި ސިނާއަތް ދަށަށް ނުދާ މިންވަރަށް ކޯވިޑް19 ގެ ސަބަބުން ވަނީ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ. ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް ފަތުރުވެރިންނަށް ޙިދުމަތްދެމުންދިޔަ ހުރިހާ ރިސޯޓްތަކެއް ވަނީ ބަންދުކޮށްފައެވެ. ކޯވިޑް-19 ފެތުރުން ރާއްޖޭގައި ހުއްޓުވުމުގެ ގޮތުން ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 4 މަހެއްހާ ދުވަސްވަންދެން ރާއްޖޭގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ.

ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ 48 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓޫރިސްޓް އަރައިވަލްސް ވަނީ ސުމެއް އިންސައްތައަށް ވެއްޓިފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް އަދި ޖޫންމަހު ރައްޖެއަށް އެއްވެސް ފަތުރުވެރިއަކު އައިސްފައެއް ނުވެއެވެ. އަދި މޭމަހު ރާއްޖެ އައިސްފައިވަނީ 36 ފަތުރުވެރިންނެވެ.

ބޯޑަރު ބަންދުކުރުމާއިއެކު ފަތުރުވެރިންނަށް ޙިދުމަތްދެމުން ދިޔަ ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަނީ ބަންދުކޮށްފައެވެ. މިއާއިއެކު މިތަންތަން ބޭނުންކުރަމުންދިޔައީ ކޯވިޑް19 ޖެހިފައިވާ މީހުންނާއި ރަށްރަށަށް ދާންބޭނުންވާ މީހުން ބޭނުންކުރާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައެވެ. މިވަގުތުވެސް ރާއްޖޭގެ ބައެއް ރިސޯޓްތައް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލީ 110 ދުވަސް ފަހުންނެވެ. ބޯޑަރު ހުޅުވާލީ ވަކި ޙާއްސަ ގައިޑްލައިންއަކާއި އެކުގައެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮޓޯރިޓީއިން އާންމުކޮށްފައިވާ މި އުސޫލުގައި ބޯޑަރު އަލުން ހުޅުވާލާއިރު ރާއްޖޭގެ އެއަރޕޯޓްތައް ހިންގާނެ ގޮތާއި، އެއަރޕޯޓްތަކަށް އޮޕަރޭޓްކުރާނެ އެއަރލައިންތަކުން އަމަލު ކުރަންވާގޮތުގެ ތަފްސީލް ހިމެނެއެވެ. އަދި މިއުސޫލުގައި ރާއްޖެއަށް ފަތުރުވެރިން އަންނައިރު އަދި ފުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ކޯވިޑް19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމްވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަދީފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ކޯވިޑް19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް 4 ސަރަހައްދެއްގައި ވަނީ ހަމައްސާފައެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި މާލޭގައިނަމަ ފޮލިސް ލެބް އަދި އައިޖީއެމް ހޮސްޕިޓަލެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިނަމަވެސް އެކި ރިސޯޓްތައް ހުޅުވާލުމަށް ތައްޔާރުވެފައިވަނީ އެކި ތާރީހުގައެވެ. ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަހުވެސް 30 ރިސޯޓަކުން ވަނީ އަލުން ހުޅުވައި ހިދުމަތްދޭން ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 100 އަށްވުރެ ގިނަ ރިސޯޓު އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޯވިޑް19 ގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ގެއްލުމުން މަޑުމަޑުން އަރައިގަންނަން މިހާރު ވަނީ ފަށާފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މައި ކުންފުނި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއާއި، ޓޫރިޒަމް މިނިސްޓްރީއާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބުރަ މަސައްކަތެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ކުރަންޖެހުނުކަމަށް އެމްއެމްޕީއާރުސީން ވަނީ މީގެކުރިން ބުނެފައެވެ. ފަތުރުވެރިކަން އެއްކޮށް ހުއްޓިފައިވަނިކޮށް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމަށްޓަކައި އޮންލައިންކޮށް ގިނަ ފެއަރތަކެއްގައި ބައިވެރިވެފައެވެ. އަދި ރާއްޖެއާއިބެހޭ މައުލޫމާތު ދިނުމުގެ އޮންލައިން ގިނަ ސެޝަންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ.

ކޯވިޑް19 ގައި ރާއްޖޭގެ ފަތުރުވެރިކަމަށް އަނދިރި ދުވަސްތަކެއް އައިނަމަވެސް ސަރުކާރާއި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މިންނެތް މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް އަންނަނީ ދިރުން ލިބެމުންނެވެ. މިކަން ހާމަވެގެންދަނީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަހަކަށްވުރެ މަހެއް އިތުރުވަމުން އަންނާތީއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެ އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. ނަމަވެސް މިހިނގާ ސެޕްޓެމްބަރ މަހުގެ 1 އިން 23 ގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމްލަ 7076 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއިއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16405 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ނަންބަރުން ބަލާނަމަ އުފާވެރި އަދަދުތަކެކެވެ. އަދި ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މިއަހަރުގެ ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުވާނެކަމަށް ބެލެވެއެވެ.