ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން 16405 ފަތުރުވެރިން ޒިޔާރަތްކޮށްފި


ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16405 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 399252 (ތިންލައްކަ ނުވަދިހަނުވަހާސް ދުއިސައްތަ ފަންސާސް ދޭއް) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައިސްފައިވަނީ 16405 ފަތުރުވެރިންނެވެ. އެއީ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުން 23 ވަނަ ދުވަހަށް ރާއްޖެ އައިސްފައިވަނީ 7076 ފަތުރުވެރިންނެވެ. އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެ އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައި ވަނީ 173347 (އެއްލައްކަ ހަތްދިހަ ތިންހާސް ތިންސަތޭކަ ސާޅީސް ހަތެއް) ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 149786 (އެއްލައްކަ ސާޅީސްނުވަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް) ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މާރޗްމަހު ރާއްޖެ އައީ 59،627 ފަތުރުވެރިންނެވެ. އޭފްރީލް އަދި ޖޫން މަހު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު އައިސްފައިނުވާއިރު މޭމަހު ރާއްޖެ އައީ 36 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ރަޝިއާ، ޔޫއެސް، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި އިޖިޕްޓްއެވެ.