އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯ ފެރީ އެރަށަށް ބަނދަރުކޮށްފިއެވެ. މި ފެރީ އިންޑިއާއިން ފުރާފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ.
ކޮޗިންއިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހެނދުނު 6:30 ހާއިރުއެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.
ކުޅުދުއްފުށީ ޕޯޓާއި ކާގޯ ފެރީ ގުޅިގެން މިހާރުދަނީ މުދާ ބޭލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ ދާދި ފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ.
ސްޓޭޓް ޝިޕިންގއާއި ގުޅިގެން، ބޯޓުން މުދާ ބޭލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުންވަނީ ތައްޔާރުވެފައެވެ.
ބޯޓަކީ ބޮޑު ބޯޓަކަށްވުމުން ޕޯޓުތެރޭގައި ބަނދަރުނުކުރެވޭނެތީ، ބޯޓުން މުދާ ބާލާނީ ކުޅުދުއްފުށީ ބޭރު ކަނޑުގައި ބާއްވައިގެންނެވެ. އަދި މުދާ ބާލާނީ ކޮންޓެއިނަރު އުފުލުމާއި މުދާ ބޭލުމުގައި ބޭނުންކުރާ ބޮޑެތި ދޯނި ބޭނުންކޮށްގެންނެވެ.
އެމްޕީއެލް ކުޅުދުއްފުށީ ޕޯޓުން ވިދާޅުވީ މުދާ ބޭލުމަށްދާ ދޯނި 9.30ހާއިރު ބޯޓާއި ކައިރިކުރާނެކަމަށެވެ. އަދި މުދާ ގެންނަ ފުރަތަމަ ދޯންޏަށް ކުޅުދުއްފުށި ޕޯޓު ބަނދަރާ ގާތްކޮށް މުދާ ބާލަން ފެށޭނީ މެންދުރު 13:00 ޖަހާއިރުކަމަށެވެ.
ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. ބޯޓު އިންޑިއާއާއި ރާއްޖެއާއި ދެމެދުކުރާ ކޮންމެ ދަތުރު ބުރަކަށް 10ދުވަސް ހޭދަވާނެކަމަށް މޯލްޑިވްސް ޝިޕިންއިން ވިދާޅުވެއެވެ.
ބޯޓު ރާއްޖެއައުމާއި ގުޅިގެން ބޯޓަށް ރާއްޖެއިން މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު މިއަދު 11.00ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.