ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 10،000 އިން މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންގެ ޢަދަދު 10،000އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކޮށްފައިވާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް އިތުރު 75 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 66 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 9 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 53 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 22 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،014 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 76 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8672 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 1،300 އަށް އަރާފައެވެ.

ކޯވިޑް-19 ރާއްޖެއިން ފެނުތާ މިއަދަށް 202 ދުވަސް ވެފައިވާއިރު، މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ޖެހި، އެބަލިން ރަނގަޅުވެފައިވާނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކާ އަންނަ މަހުގެ ތެރޭގައި އެންޓިބޮޑީ ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.ސޯ.ސީ)އިން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ ޢަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވީނަމަވެސް ރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ ގުޅުންނެތް ކޭސްތައް %20 އަށްވުރެ އަދި ދަށްވެފައި ނުވާކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ.

ޑރ.ޝީނާ ވިދާޅުވީ ބަލިފެތުރުން ބޮޑުތަނުން މަދުކުރެވޭނީ ހުރިހާއެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލަނބައިގެން ކަމަށާ، ބަލީގެ ޙާލަތު ބަދަލުވަމުންދާ މިންގަނޑަށް ބަލާއިރު، އަދިވެސް ގްރީން ޒޯނަށް ނުދާކަމަށެވެ. އަދި ރައްކާތެރިކުރުމުގެ ފިޔަވަޅުތައްއެޅި ކަމުގައި ވިޔަސް، ކޯވިޑު-19ގެ ކުރިން އުޅުން ގޮތަށް އާންމު ދިރިއުޅުމަށް ދެވޭނީ މިބައްޔަށް ވެކްސިންއެއް ލިބިގެންކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.