ސިޔާސީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ޕާޓީއެއް، 10،000 މެންބަރުން ހަމަވަނީ 3 ޕާޓީގައި


އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓަރ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 52،952 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގައި 37،144 މެންބަރުން އެބަތިއްބެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އަދި ޤާނޫނުގައި ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭވަރަށް މެންބަރުން ހަމަވަނީ ތިން ޕާޓީއެއްގައި އެކަންޏެވެ. އެގޮތުން 10،000 މެންބަރުން ހަމަވަނީ ހަމައެކަނި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީގައެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާއިރު:
- ދިވެހި ރައްޔިތުންގެ ޕާޓީ: 2،902
- ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ: 52،952
- އަދާލަތު ޕާޓީ: 6،640
- ޖުމްހޫރީ ޕާޓީ: 13،825
- މޯލްޑިވްސް ރިފޯމް މޫވްމަންޓް: 3،023
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 37،144
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 8،178
- މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 2،881
- މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް: 3،171
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 4،004

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށްފައިވަނީ އެ ކޮމިޝަނަށް ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތުތައް އަޕްޑޭޓް ކުރުމަށް ފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ސިޔާސީ ޕާޓީއަކުން ފޯމެއް ހުށަނާޅަނީސް އެއްވެސް މީހަކު ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމަނާފައި ނުވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.