ޚަބަރު

އިންޑިއާ-ކުޅުދުއްފުށި ކާގޯ ފެރީ މާދަމާ އަންނާނެ، ފުރަތަމަ ދަތުރުގައިވެސް 500 ޓަނުގެ މުދާ


އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުއްޓަށް އަންނަ ފުރަތަމަ ކާގޯ ފެރީގައި 500ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ވިދާޅުވެއްޖެއެވެ. އެ ފެރީއިން ގެންނަ މުދާ ބޭލުމުގެ ކަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގައިވަނީ ހަމަޖައްސާފައެވެ.

ހދ.ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވާއިރު، ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފެރީ މިހާރުދަނީ ރާއްޖެ އައުމަށް ދަތުރުކުރަމުންނެވެ. މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ ހޮނިހިރު ދުވަހު ފަތިހު 5:00 ހާއިރުއެވެ. 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ ކުޅުދުއްފުށީ ޕޯޓަށް މުދާ ބޭލުމަށް އަންނަ އެންމެ ބޮޑު ބޯޓެވެ.

ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސްޓޭޓް ޝިޕިންގގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނާނެކަމަށެވެ. ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރާ ބޯޓަކީ ބޮޑު ބޯޓަކަށްވުމުން، ބޯޓުން މުދާ ބޭލުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދެކޭ އެއްގޮތަށް ރަށުގެ ބޭރު ކަނޑުގައި ބޯޓު ބާއްވައިގެންނެވެ. ކެޕްޓަން ނާޒިމް ވިދާޅުވީ ކޮންޓެއިނަރުތައް މަދުވުމާއިއެކު މިވަގުތު މުދާ ބާލަމުންދާނީ މުދާ އުފުލާ ބޮޑެތި ދޯނިފަހަރު ބޭނުންކޮށްގެންކަމަށެވެ.

ރާއްޖެއަށް މުދާ ގެންނަ ބޯޓު ކޮޗިންއާއި ޓުޓިކޮރިންއިން މުދާ ގެންނާނެއެވެ. ކެޕްޓަން ނާޒިމް ވިދާޅުވީ މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ސްޓޭޓް ޝިޕިންގެ އެހީތެރިކަމާއިއެކު އެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގުޅީމަ ކޮޗިންއާއި ޓުޓިކޮރިންގައި ތިބި އަޅުގަނޑުމެންގެ އެޖެންޓުންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ސަޕްލަޔަރުންނާއި ގުޅުވައިދޭނަން. މިވަގުތު އަދި މިހާލަތުގައި ދިވެހިންނަށް ބޯޓުގައި އެކޮޅަށް ދަތުރުކޮށް ތަކެތި ގެނެވޭގޮތަކަށް ނޫން އޮތީ." ކެޕްޓަން ނާޒިމް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ވިދާޅުވީ ކުރިއަށް އޮތް 6 މަސްދުވަހުވެސް ކޮޗިންއާއި-ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާނީ މި ކާގޯ ފެރީކަމަށެވެ.

ހޮނިހިރު ދުވަހު ކޮޗިންއިން އަންނަ ފުރަތަމަ ކާގޯ ފެރީއަށް މަރުޚަބާ ކިޔުމާއި، މުދާ ބޭލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުޅުދުއްފުށި ޕޯޓުންވަނީ ތައްޔާރުވެފައެވެ. ކުޅުދުއްފުށީ ޕޯޓްގެ ޗީފް މެނޭޖަރ މުޙައްމަދު އަޙްމަދު ވިދާޅުވީ އާއްމުކޮށް ކުޅުދުއްފުއްޓަށް އަންނަނީ 350 އާއި 300 ޓަނުގެ ބޯޓުތައްކަމަށެވެ. ނަމަވެސް މިފަހަރު އެއަށްވުރެ ބޮޑު ބޯޓެއްގެ މުދާ އަންނާތީ އެކަމަށް ޕޯޓް ތައްޔާރުވެފައިވާކަމަށެވެ. ޕޯޓްގެ އޯޕަން ސްޓޯރޭޖް ސަރަޙައްދާއި، ގުދަނާއިއެކު 300 ޓަނުގެ 2 ނުވަތަ 3 ބޯޓުގެ މުދާ އެއްފަހަރާ ޕޯޓަށް ކްލިއަރ ކުރެވޭނެކަމަށް މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

"އެހެންބޯޓްތަކުން މުދާބަލާނީ ޕޯޓު ބަނދަރަށް ކައިރިކޮށްގެން ނަމަވެސް، ބޮޑު ބޯޓަކަށްވުމުން މިފަހަރު ތަފާތަކަށްވާނީ ރަށު ބޭރު ކަނޑުގައި ބޯޓު ބާއްވައިގެން މުދާ އުފުލާ ދޯނީގައި މުދާ ބާލަންޖެހުން. ނަމަވެސް މި މައްސައްކަތަށް ބޭނުންވާ ޕޯޓް އުޅަނދުތަކާއި، ދޯންޏާއި، މީހުންވެސް ތިބީ ތައްޔާރަށް." މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިންއާއި ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ދޭން ނިންމާފައިވަނީ، ސަރަހައްދުގެ ވިޔަފާރިތައް ކުރިއެރުވުމާއި އަދި އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ޤައުމުތަކަށް ޕްރޮމޯޓްކޮށް މަންފާ ހޯދުމަށްވެސް މަގުފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މި ކާގޯ ފެރީ ރާއްޖެ އައުމަށާއި ރާއްޖެއިން އެނބުރި ކޮޗިންއަށް ދިއުމަށް 10 ދުވަސް ހޭދަވާނެކަމަށް ސްޓޭޓް ޝިޕިންއިން ބުނެއެވެ. އެހެންކަމުން މަހަކު ބޭއްވޭނެކަމަށް ލަފާކުރަނީ 3 ދަތުރެވެ.